twitterviber whatsapp telegramfacebookyoutube instagram
9th October 2026

ރާއްޖޭގެ ފުރަތަމަ ސިމް ރޭސިންގ މުބާރާތުގެ ކުޅުދުއްފުށި އެޑިޝަން މާދަމާ ފަށަނީ

މުޙައްމަދު އަހުމަދު
Oct 8, 2026

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ރަސްމީ ސިމް ރޭސިންގ މުބާރާތް މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ތައްޔާރުވެއްްޖެ އެވެ. ހޮންޑާ އީ-ޕްރީ ޗެމްޕިއަންޝިޕް 2026 އަކީ ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރް.އޭ.އެމް) އިން އިންތިޒާމުކުރާ، ރާއްޖޭގެ ފުރަތަމަ ރަސްމީ ސިމް ރޭސިންގް ޗެމްޕިއަންޝިޕެވެ.

މި މުބާރާތުގެ ހަރަކާތްތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ އެވެ. އެއީ ގްރޭޓަރ މާލެ، ލާމު އަތޮޅު، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގައެވެ. މި ސަރަހައްދުތަކުން ހޮވޭ ފަރާތްތަކުގެ މެދުގައި ބޭއްވޭ ބޮޑު ފައިނަލް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހު ހުޅުމާލޭގަ އެވެ. އާރްއޭއެމުން މިމުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ދެ ޖިންސަށްވެސް ވާދަކުރެވޭ ގޮތަށެވެ.

ވާރޗުއަލް މޮޓޯސްޕޯޓްސްގެ ސިމް ރޭސިންގް (ސިމިއުލޭޝަން ރޭސިންގް) އަކީ މޮޓޯސްޕޯޓްސްގެ އަސްލު ތަޖުރިބާ ހޯދައިދޭ، ވާދަވެރި އީ-ސްޕޯޓްސްއެކެވެ. މީގައި ކާރު ދުއްވުމުގެ ހަގީގީ ފިޒިކްސް، އެގޮތުން ޓަޔަރުގެ ގްރިޕް، ބަރުދަން ބަދަލުވާގޮތް އަދި ބްރޭކް ޖެހުމުގެ އުކުޅުތައް ހިމެނެ އެވެ. މިއީ މޮޓޯސްޕޯޓްސްގެ އެންމެ ފުރަތަމަ ފެށުމެވެ.

މުބާރާތުގެ ގަވައިދުތައް

"އެރައިވް އެންޑް ޑްރައިވް" ފޯމެޓް: މި މުބާރާތުގައި ބައިވެރިވުމަށް އަމިއްލަ ސާމާނެއް ނުވަތަ އަގުބޮޑު ސެޓަޕެއް ބޭނުމެއް ނުވާނެ އެވެ. ބައިވެރިން މުބާރާތަށް ދާން ޖެހޭނީ ހަމައެކަނި ރޭސް ޖަހާށެވެ. ރޭސިންގ އެސޯސިއޭޝަނުން ފޯރުކޮށްދޭ ޕްރޮފެޝަނަލް ސިމް ރިގްތަކުގައި ބައިވެރިންނަށް ރޭސް ކުރިއަށް ގެންދެވޭނެ އެވެ.

ކޮންމެ ސަރަހައްދަކުން ހޮވޭ އެންމެ މޮޅު ދެ ބައިވެރިންނަށް (ޗެމްޕިއަން އަދި ރަނަރ-އަޕް) ނޮވެމްބަރު 2026 ގައި ހުޅުމާލޭގައި ބާއްވާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. މި ފައިނަލުގައި ޖުމްލަ 8 ބައިވެރިން ވާދަކޮށް، ރާއްޖޭގެ ފުރަތަމަ ސިމް ރޭސިންގް ޗެމްޕިއަން ހޮވޭނެ އެވެ.

މުބާރާތްކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 9 އަދި 10 އޮކްޓޫބަރުވާ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ކުރިއަށްދާނީ ޕްރެކްޓިސް އަދި ރަޖިސްޓްރޭޝަން އެވެ. ހުކުރުދުވަހު އޮންނާނީ ރަޖިސްޓްރީ ކުރުމާއި، ސިމް ރިގްތަކަށް އަހުލުވެރިވުމާއި، ޓްރެކް ދަސްކޮށް ބްރޭކް ޖަހަންވީ ތަންތަން ދެނެގަތުމުގެ ފަރިތަކުރުންތަކެވެ. މި ސެޝަންތައް ކުރިއަށްދާނީ މެންދުރުފަހު 15:00 އިން 18:00 އަށް އަދި ރޭގަނޑު: 20:00 އިން 22:00 އަށެވެ.

ކުޅުދުއްފުށި އެޑިޝަންގެ ތާވަލު

އެއަށްފަހު ހޮނިހިރު ދުވަހު އޮންނާނީ ރަސްމީކޮށް ވަގުތު ބަލައިގެން ކުރިއަށްގެންދާ ވާދަވެރި ދުއްވުންތަކެވެ. ނުވަތަ އެއީ ރޭސް ދުވަހެވެ. ރޭސް ބާއްވާ ވަގުތަކީ 13:00 އިން 18:00 އަށެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓީޖިކް ގްރޯތް (ކުރީގެ އައި.ޕީ.އެސް ޕްރީސްކޫލް) ގަ އެވެ.

މިމުބާރާތުގެ ޓްރެކަކީ ސިލްވަަސްޓޯން ޖީޕީ (އެސެޓޯ ކޯސާ ޕްލެޓްފޯމް) އެވެ. ރޭސް ކުރިއަށްދާ ގޮތަށް ބަލާއިރު ބައިވެރިންނަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި، ޓްރެކުގައި އެންމެ ހަލުވި ލެޕެއް ނިންމުމުގެ ފުރުސަތު ލިބޭނެ އެވެ. ލީޑަރބޯޑުގައި ބައިވެރިއަކަށް ލިބޭނެ މަގާމު ކަނޑައެޅޭނީ މުޅި ދުވަހުގެ ތެރޭގައި އެ ބައިވެރިއަކު ފުރިހަމަކުރި އެންމެ ހަލުވި ލެޕްގެ ވަގުތަށް ބަލައިގެންނެވެ.

ރޭސިންގ އެސޯސިއޭޝަނުން ހާމަކުރާގޮތުގައި މިއީ ހުރިހާ ފެންވަރެއްގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މިއީ ސިމް ރޭސިންގް ނުވަތަ ގޭމް ކުޅުމަށް ފަރިތަ ފަރާތްތަކާއި، މޮޓޯސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި ތިބި ހުނަރުވެރި ދުއްވުންތެރިން ދެނެގަތުމަށް ބާއްވާ ހަރަކާތެެއް ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެފައިވެ އެވެ.

މި ހަރަކާތް ބަލާލުމަށާއި، ދިވެހި ދުއްވުންތެރިންނަށް ހިތްވަރު ދިނުމުގެ ފުރުސަތު އާންމުންނަށާއި، އާއިލާތަކަށާއި، މޮޓޯސްޕޯޓްސްގެ ފޭނުންނަށް ރޭސިންގ އެސޯސިއޭޝަނުން ވަނީ އެފުރުސަތު ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293