ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ފުރަތަމަ ފަހަރަށް ހަމަޖައްސައިފި އެވެ.
އެ ހޮސްޕިޓަލުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި އަސްލަމް މުހައްމަދު ވަނީ މިއަދު އެތަނުގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ. އޭނާއަށް ވަނީ ހޮސްޕިޓަލުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އަސްލަމް މީގެ ކުރިން ހުންނެވީ، ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި އެވެ. އޭނާ އޭރު ވަޒީފާއަށް ނުކުންނެވީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޅުދުއްފުށީ ޕަބުލިކް ވާރކްސް އޮފީހަށެވެ.
އޭގެ ކުރިން މި ސަރުކާރުގައި އައިލެންޑް ބެވަރެޖް މޯލްޑިވްސްގައިވެސް ކުޑަ ދުވަސްކޮޅަކު އޭނާ ވަޒީފާ އަދާކުރެއްވި އެވެ. ސަރުކާރު ބަދަލުވުމުގެ ކުރިން އަސްލަމް ވަޒީފާއަދާކުރެއްވީ ހަނިމާދޫގައި ހުންނަ މޫސުމާ ބެހޭ އިދާރާގެ މީޓްރޮޖިކަލް ޓެކްނީޝަނަކަށެވެ.
ކުރިން ބޯޑެއްގެ ދަށުން ހިންގަމުންދިޔަ އެ ހޮސްޕިޓާ، ސަރުކާރު ބަދަލުވުމުން ބޯޑު އުވާލާފައިވާއިރު އެތަނުގައި ސީއީއޯއަކާއި ޑެޕިއުޓީ ސީއީއޯ އެއް ހުންނަވަ އެވެ.




