މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަށް އެހެން ގައުމުތަކުންވެސް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74 ވަނަ އ.ދ.ގެ އާންމު މަޖިލީހުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަ ދައްކަވަމުންނެވެ.
މި ސަމިޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އަމަލު ކުރަމުން ގެންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ. އަދި މިފަދަ މޮޑެލެއް އިހުތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުދި ޖަޒީރާ ޤައުމުތައް ހިއްސާވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ފަދަ ޖަމާއަތްތަކުގެ އެހީއާއެކު ކުދި ޖަޒީރާ ގައުމުތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމަލުކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްކަން ފާހަގަކުރައްވައި އެއީ ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނެ އަދި ގުޅިގެން ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއްކަން ރައީސް ވާހަކަ ގައި ފާހަގަކުރެއްވިއެވެ.
މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.
ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވާނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްގީ ގެނައުމާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.
މިބައްދަލުވުމުގައި ރާއްޖެއިން ތަންފީޒު ކުރަމުންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" ފަދަ މޮޑެލެއްގެ ބޭނުން ހިފުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ކާބަން ބޭނުންކުރާ މިންވަރު މަދު އިގްތިސާދެއް ބިނާކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ބޮޑުކަމާއި އޭގެ ނުރާއްކާތެރިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.