މުސްލިމުންގެ ގިބްލަ ކަމުގައިވާ ކައުބަތުﷲ ގެފުޅު، އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފި އެވެ. ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންނެވެ.
މިއީ މިފަހުން ކައުބާ މިފަދަ ގޮތަކަށް ބަންދު ކުރި ފުރަތަމަ ފަހަރެވެ. އެނގިފައިވާ ގޮތުގައި ސައުދީގައި ކޮރޯނާއަށް މިއަދު ވެސް އިތުރު ތިން މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ސަރުކާރުން ބުނީ މިހާރު އެ ގައުމުން ޖުމްލަ ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހަރަމްފުޅު ބަންދު ކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އެއީ އެ ސަރަހައްދު ސާފު ކުރުމަށެވެ. އެގޮތުން އެ ސަރަހައްދު މުޅިން ހުސްކޮށް ސާފު ކޮށްފައިވާއިރު، ތޮވާފް ކުރަން ވަދެވޭނެ ހުރިހާ ދޮރުތައް ވެސް މިވަގުތު ވަނީ ބަންދުކޮށްފަ އެވެ. އެ ދޮރުތައް ކައިރީ ގިނަ އަދަދެއްގެ ސިފައިން ދަނީ ފޯރިމަރަމުންނެވެ.
ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެވެ. ސިފައިން ވަނީ އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ނެރެފަ އެވެ.
ކައުބާ، ތޮވާފްކުރާ މީހުންނަށް ވަގުތީ ގޮތުން ބަންދު ކުރުމަށް ފަހު ދެން ހުޅުވާނެ ވަކި ވަގުތެއް ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ނުބުނެ އެވެ. ކައުބާ ސަރަހައްދުގައި ތިބި ސިފައިންގެ ބުނި ގޮތުގައި އެ ސަރަހައްދު ބަންދު ކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އަލުން ހުޅުވާލާނެ ދުވަހެއް ނޭނގެ އެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެއްވެސް ގައުމަކުން އުމުރާވުމަށް ސައުދީއަށް އެތެރެވުން ވަނީ މަނާ ކޮށްފަ އެވެ.
ސައުދީ ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ފަހުން ސައުދީ މީހުންނަށް ވެސް އުމްރާވުން ވަނީ ހުއްޓުވާފައެވެ. އަދި އިހްރާމްގައި މިސްކިތަށް ވަނުން ވެސް މިވަގުތު ވަނީ މަނާ ކޮށްފަ އެވެ.