އާސަންދަ ކުންފުނީގެ ފަރާތުން މިއަދު ކުޅުދުއްފުއްޓަށް ފޮނުވި ޗާޓަރު ފްލައިޓްގެ މައުލޫމާތު ކުޅުދުއްފުށީ ކައުންސިލަށް އަންގާފައިވާނޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ކޮވިޑް-19 ގެ ޓާސްކް ފޯސްއަށް އަންގާވެސް ނުލައި މާލޭގައި ތިބި ބަޔަކު މޯލްޑިވިއަން ފުލައިޓެއްގައި ކުޅުދުއްފުއްޓަށް ފޮނުވާލި މައްސަލާގައި މިރޭ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އާސަންދައިން އެ ފްލައިޓްގެ މައުލޫމާތު ކައުންސިލަށް އެންގި ކަމަށެވެ. އަދި އެ ފްލައިޓްގައި ދިޔައީ ލޮކްޑައުން ހާލަތުގައި އޮއްވާ ބޭސްކުރަން އާސަންދައިން މާލެ ގެންދިޔަ މީހުން ކަމަށެވެ.
އޭގެ ތެރޭގައި 7 މީހުން ތިބިއިރު ކުޅުދުއްފުއްޓަށް ނިސްބަތްވާ 5 މީހަކާއި ކުމުންދޫއަށް ނިސްބަތްވާ 2 މީހަކު އެ ފްލައިޓްގައި ގެނެސްފައިވާކަމަށެވެ. އަދި އެތަނުން ތިން މީހަކީ ކެންސަރު ބަލީގެ ފަރުވާ ހޯދާ މީހުންކަމަށް އާސަންދައިން މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ދެން ތިބި މީހުންނަކީ އެ މީހުންގެ އެހީތެރިކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
ފްލައިޓްގައި ބަޔަކު އަންނަކަން ކައުންސިލަށް އެންގި ނަމަވެސް އެންގި ގޮތެއް މަބުރޫކް ފުރަތަމަ ވިދާޅެއް ނުވެ އެވެ.
ކުޅުދުއްފުއްޓަށް ބަޔަކު އަންނަކަން ޓާސްކް ފޯސްއަށް އަންގާފައިނުވާކަމަށް އެތަނުގެ އޮފިޝަލުން ވިދާޅުވާތީ އާސަންދައިން ކުޅުދުއްފުށީ ކައުންސިލަށް އެކަން އެނގީ ނުވަތަ އެ މުއާމަލާތް ކުރީ ކިހިނެތްތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ކޭއޯ އިން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް އެރުމުގެ ކުރިން އެކަން ހިނގާފައިވަނީ ކިހިނެތްތޯ ސާފުކުރެވޭތޯ އުޅުނިންކަމަށާއި ސާފުކުރަން އުޅުނު މައިގަނޑު މަގުސަދަކީ އެކަމުގެ ޙަބަރުތައް އުޅުނީމަ އާއި ކުޅުދުއްފުށި އޮންލައިނުން އެކަމުގެ މައުލޫމާތު ސާފުކޮށްދޭން އެދިފައި އޮތުމުންކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.
"އާސަންދަ އޮފީހުން ދަންނަވާފައި އޮތީ އާސަންދައިން މިއަދު ކުޅުދުއްފުށީ ކައުންސިލަށް ފޯނުކޮށްފައިވަނީ 4:34 މިނެޓްގައި ކަމަށް." މަބްރޫކް ވިދާޅުވި އެވެ.
އާސަންދައާ ހަވާލާދީ މަބްރޫކް ވިދާޅުވީ އާސަންދައިން ކުޅުދުއްފުށީ ކައުންސިލަށް ފޯނުން ގުޅާފައި އެކަން އެނގީ ހަވީރު 4:34 ގައި ކަމަށެވެ. ބަޔަކު ފްލައިޓްގައި ފޮނުވާލިކަން ކައުންސިލުގެ މައުލޫމާތަށްޓަކާ އެންގިކަމަށް މަބްރޫކް ވިދާޅުވި އެވެ.
ލޮކްޑައުން ހާލަތުގައި އޮތްވާ ކުޅުދުއްފުއްޓަށް މާލެއިން ބަޔަކު ފޮނުވާލާކަމުގެ މައުލޫމާތު ކުރިން ކައުންސިލަށް އާސަންދައިން އަންގާފައި އެއްނުވެ އެވެ. އެކަން އެންމެ ބޮޑަށް ސާބިތުވަނީ އާސަންދައިން މަބްރޫކަށް ދެއްވި މައުލޫމާތުންނެވެ.
އާސަންދައާ ހަވާލާދީ މަބްރޫކް ވިދާޅުވީ، ކުޅުދުއްފުށީ ކައުންސިލަށް އެކަން އާސަންދައިން އެންގީ ހަވީރު 04:34 ގައި ކަމަށެވެ. އެކަމަކު އެ ފުލައިޓް ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސާފައިވަނީ ހަވީރު 03:05 އެހާއިރު އެވެ. ފްލައިޓް ޖެއްސި ވަގުތު ކޭއޯގެ ނޫސްވެރިއެއްވެސް އެތަނުގައި ހުއްޓެވެ. އަދި އެއާޕޯޓްގެ އޮފިޝަލަކުވެސް ވަނީ ފްލައިޓް ޖެއްސި ގަޑިއަކީ ހަވީރު 03:05 ގައިކަން ކޭއޯއަށް ޔަގީންކޮށްދީފައި އެވެ.
އެކަމުގެ މައުލޫމާތު ޓާސްކް ފޯސްއަށް ނުރަސްމީކޮށް އެނގިގެން އޭރު ޓާސްކް ފޯސްގައި ހިމެނޭ މުވައްސަސާތަކުގެ ވެރިން ފުލުހުންނާއެކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެވެ.
އެހެންވީމަ އާސަންދައިން އެ މައުލޫމާތު ފޯރުކޮށްދީފައިވަނީ ފްލައިޓް ޖެއްސިތާ ގާތްގަނޑަށް ދޮޅުގަޑިއިރު ފަހުންނެވެ. ޓާސްކް ފޯސްގައި ފުލުހުންވެސް ހިމެނޭއިރު އެކަން ފުލުހުންވެސް އަންގާފައިނުވާކަމަށް އެތަނުގައި އެވަގުތު ހަރަކާތްތެރިވި ފުލުހަކު ކޭއޯގެ ނޫސްވެރިޔާ ގާތު ވަނީ ބުނެ އެވެ.
އާސަންދަ އިން މަބްރޫކަށް ދެވަނަ ދިން ދޮގު މައުލޫމާތަކީ ކެންސަރު ބައްޔަށް ފަރުވާކުރާ ތިން މީހަކު ދަތުރުކޮށްފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ސިއްހީ ދާއިރާގައި އުޅުއްވާ ފަރާތްތަކުން އެކަން ދޮގުކޮށްފައިވެ އެވެ. ސިއްހީ އޮފިޝަލުންތަކެއް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ، ފްލައިޓް ގެނައި 7 މީހުންގެ ތެރޭގައި އެކަކުވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ނުދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ފްލައިޓްގައި ދިޔަ 7 މީހުންގެ މިހާރު ތިބީ ކުޅުދުއްފުށީގައި ހުރި އެމްޕީއެލް އިމާރާތުގައި ކަރަންޓީނުކޮށްފައިކަމަށާ އެތަނުގައި ތިބި ކުމުންދޫއަށް ނިސްބަތްވާ ދެ މީހުން މާދަމާ ރަށަށް ފޮނުވާލެވޭނެ ކަމަށެވެ.
ޓާސްކް ފޯސްގެ އޮފިޝަލް ވިދާޅުވީ، މީހުން ގޮވައިގެން އަންނަ ޗާޓަރު ފްލައިޓެއް އަންނަ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ޓާސްކް ފޯސްއަށް ލިބުނީ ވަރަށް ވަގުތު ކުޑަތަންވެފައި ހުއްޓަކަމަށެވެ. އަދި އެއީ ކިހެނެތްވާ ކަމެއް ތޯ ބެލުމަށް އެވަގުތުން ފެށިގެން ޓާސްކް ފޯސްއިން މަސައްކަތް ކުރި ކަމަށާއި އެގޮތުން އެޗްޕީއޭއަށްށާއި އެލްޖީއޭއަށް ގުޅަމުންދިޔަ ކަމަށެވެ.
ފްލައިޓް އައި މީހުން ބަލައި އެ މީހުންގެ އާއިލާތަކުގެ މީހުންވެސް އެއާޕޯޓަށް ދިޔަ އެވެ. އެކަމަކު ޓާސްކް ފޯސްގެ ވެރިން ގޮސް އެމީހުން ވަނީ އެތަނުން ފޮނުވާލާފަ އެވެ. އަދި ފްލައިޓުން އައި މީހުންނާއި އެ މީހުންގެ ސާމާނުތައް އެމްބިއުލާންސްގައި އާއި ފުލުހުންގެ ވެހިކަލެއްގައި ސީދާ ގެންދިޔައީ އެމްޕީއެލްގެ ކަރަންޓީނު ފެސިލިޓީއަށެވެ.