ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންގެ ތެރެއިން 37 މީހަކު އިންޑިއާ އަށް ދިޔުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިކަމުގައި ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމުގަ އެވެ. ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވާތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވިފައި ތިބި ހާލު ބޮޑު 37 މީހުން އެބަ ތިބި ކަމަށެވެ. އެ މީހުން ފަރުވާ ހޯދަން އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ހައިކޮމިޝަން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ބަލިހާލު ބޮޑުވެފައިވާ 37 ދިވެހިން، ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިން އަށް ދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ހުއްދަ ދީފައި ވަނީ ބޭސްފަރުވާއަށް ހަމައެކަނި އިންޑިއާގެ ކޮޗިން އަށް ދާން ކަމަށެވެ. އަދި އަންނަ ހަފުތާގައި އެ ގައުމަށް، ބަލި މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އާސަންދަ އިން ބުނި ގޮތުގައި، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ޖެހިފައި ތިބި 200 އެއްހާ މީހުން އެބަތިބި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން މި ވަގުތު ފޮނުވަނީ ހަމައެކަނި ހާލު ބޮޑު އަދި އަވަސް ފަރުވާ އަށް ބޭނުންވާ މީހުންނެވެ.