ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްހަ ވާނެ ކަމަށާއި މިހާރު ދިމާވެގެން މި އުޅެނީ އެފަދަ ސަަބަބެއްކަމަށެވެ. އަދި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައިވެސް މިދުވަސް ކޮޅު ޖަމާއަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުސޫލާ އެއްގޮތަށް ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެ. މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ
— Maumoon Abdul Gayoom (@maumoonagayoom) July 11, 2020
ކޮވިޑް19 އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަދުކަނޑާލާފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން، އިއްޔެ ވަނީ ޖަމާއަތުގައި ހުކުރު ނަމާދުކޮށްފައެވެ. ނަމަވެސް އިއްޔެ މާލޭގައި ޖަމާއަތް ހެދިއިރު މާސްކު އަޅައިގެން ތިބި ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.
އަދި ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ވަނީ މިކަމާ މެދު ހިޔާލުތަފާތުވުން އުފެދިފައެވެ. އެގޮތުން ޑރ މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ނަމާދަށް ސަފު ހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އެގެން އެބަ އޮތް ކަމަށާއި އަދި ނަމާދަށް ސަފު ހެދުމުގައި ސޯސަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ސަބަބެއް ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ.
Hama ekani namaadhah safu hadhaa iru social distance bahattaigen nufudheyne. Namaadhah safu hadhan vee goiy Sunnathugai v saafu koh eba oiy. Namaadhah safu hedhumugai social distance bahattan jehey sababeh Raajje aku neiy.
— Dr Mohamed Iyaz (@dr_iyaz) July 10, 2020
ނަމަވެސް މާލެއިން އަނެއްކާވެސް ކޮވިޑް19 އަށް ޕޮޒިޓިވް މީހުން ފެންނަ މިންވަރު އިތުރުވަމުންް އަންނަ އިރު، ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ނުބަހައްޓާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް އާންމުންނަށް ހުޅުވާލީ ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނަސް، ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ހުއްދައެއް ނުދެއެވެ. ހުކުރު ކުރުމުގެ ހުއްދަ ދިނީ އިއްޔެއިން ފެށިގެންނެވެ.