ރާއްޖޭގެ އުތުރުގެ ތަރައްގީއަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވަނީ ވަރަށް ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއްކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކޮޗިން ކާގޯފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވީ، އުތުރުގެ ތަރައްގީއަށް ރައީސް ސޯލިހް ގެންގުޅުއްވަނީ ވަރަށް ބޮޑެތި މަންޒަރުތަކެއް ކަމަށެވެ.
"ރާއްޖޭގެ އުތުރުގެ ތަރައްގީއަށް ރައީސް އިބުރާހިމް މުހައްމަދުގެ ސަރުކާރުން ގެންގުޅުއްވަނީ ވަރަށް ބޮޑެތި ވަރަށް އުފާވެރިކަމެއް، މަންޒަރުތަކެއް، ކުލަތަކެއް. ޕްރޮޖެކްޓްތަކެއް." ޝާހިދު ވިދާޅުވި އެވެ.
އެބޭފުޅާ ވިދާޅުވީ ކޮޗިންގެ ފެރީއަށްފަހު ދެން އޮތީ ހަނިމާދޫ އެއާޕޯޓް ބައިނަލް އަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށާ އެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށިގެންދާނެ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް، ހޯރަފުށީ އެއާޕޯޓް ފެށިގެން ނިމިގެން އެހެރަ ދަނީ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތަށް މިއަންނަ އަހަރު ކުރީ ކޮޅު ފެށިގެންދާނެ." ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ތަނެއްގައި އޮތް ރަންވޭއެއްގެ ކޮޅުގައި ބައިނަލްއަގްވާމީއޭ ޖަހާލުމަކުން މިސަރުކާރަކަށް ނުފުދޭ ކަމަށާ މިސަރުކާރުން ބޭނުންވަނީ ބައިނަލް އަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް އެ އެއާޕޯޓަށް ބޭރުގެ ބޮޑެތި މަތިންދާ ބޯޓުތައް އައިސް މުޅި އުތުރު ފަތުރުވެރިކަމުގެ މުންސަދިކަމުން ފުރާލަ ދިނުންކަމަށެވެ.
އަދި މަސައްކަތް ކުރަމުންދަނީ އެކަމަށް މަގުފަހިކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ސާރވޭ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.