ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅަން ފަށާފައި ހުރި 105 ހައުސިންގ ޔުނިޓް އަލުން ހެދުމުގެ މަސައްކަތާއި މަގުހެދުމުގެ އާ މަޝްރޫއެއް އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި އަޅަން ފެށި ހައުންސިންގ ޔުނިޓްތަކުގެ ތެރެއިން އެމަނިކުފާނު ވެރިކަން ބަދަލުވިއިރު ނުނިމި ހުރީ ހަމައެކަނި ހިއްކި ބިމުގައި ހުރި 100 ހައުންސިންގ ޔުނިޓާއި ކަނބޯރަނި ހިޔާގައި ހުރި ފަސް ޔުނިޓެކެވެ.
ކަނބޯރަނި ހިޔާގައި ދެން ހުރި ޔުނިޓްތައް ނިމުނުއިރު މާފަލު ހިޔާގައި ހުރި 40 ރޯހައުސްގެ މަސައްކަތްވެސް ހުރީ ނިމިފަ އެވެ. ނަމަވެސް މާފަލު ހިޔާގެ ރޯހައުސްތަކުގެ ނަރުދަމާގެ މައްސަލައެއް ހުރިކަމަށްބުނެ އެތަންތަން ހުރީ ހައްގުވެރިންނަށް ނުދީ އެވެ. އެހެންވުމުގެ ސަބަބުން އެތަނުގެ ބޮޑުބައެއް ވިރާނާވެ އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިސަރުކާރުގައި އެވެ.
ކުޅުދުއްފުށީގައި އަލަށް އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، މާފަލު ހިޔާގައި ހުރި 40 ހައުންސިންގ ޔުނިޓްގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާއިރު އެތަން ވަރަށް އަވަހަށް ހައްގުވެރިންނަށް ދޫކުރެވޭނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދާދި އަވަހަށް އެތަނަށް މީހުން ވަންނާނެ. އެއާއެކީގައި ބާކީ ހުރި 105 ޔުނިޓާއި ކުޅުދުއްފުށި މަގުހެދުމުގެ މަސައްކަތް އަޅުގަނޑަށް ކުރިއަށްއޮތް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް."ޔާސިރު
އަދި ބާކީ ހުރި ހައުސިންގ ޔުނިޓްތަކާއި ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތް ކުރިއަށްއޮތް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި އެވެ. ނަމަވެސް އޭރު ގައު އަޅައިގެން މަގުތައް ހަދަން ނިންމާފައިވާއިރު މަގުތަކުގައި ތާރުއަޅަން ނިންމާ އެ މަސައްކަތް ފެށީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ. އަދި މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއް ރައީސް ޔާމީންގެ ވެރިކަމުގައިސް ކުރިއަށްގެންދިޔަ އެވެ.
"އަޅުގަނޑު ހަމަކުރުކޮށްލަމުން ފާހަގަކޮށްލާނަން، މަގު ހެދުމާއި ބާކީ ހުރި ހައުންސިންގ ޔުނިޓްތައް ނުފެށި ހުރުން، އެއީ ވަރަށް ދުވަސްވީ މަސައްކަތެއް. އަޅުގަނޑުމެން އެތަކެއް އަހަރުތަކެއްވެއްޖެ އެމަސައްކަތެއް އިންތިޒާރުކުރާތާ. ވަކި ހިސާބަކުން 7 އަހަރެއް ވަންދެން ހުއްޓިފަ އޮތުމަށްފަހު މިހާރު ފެށިގެން މިދަނީ 40 ހައުންސިންގ ޔުނިޓް( މާފަލު ހިޔާގެ) އެމްޑީ (ފެނަކަ) ބެއްލެވުމުގެ ދަށުން އެބަ ކުރިއަށްދޭ. އަޅުގަނޑަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދާދި އަވަހަށް އެތަނަށް މީހުން ވަންނާނެ. އެއާއެކީގައި ބާކީ ހުރި 105 ޔުނިޓާއި ކުޅުދުއްފުށި މަގުހެދުމުގެ މަސައްކަތް އަޅުގަނޑަށް ކުރިއަށްއޮތް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް." ޔާސިރު ވިދާޅުވި އެވެ.