ރަށުގައި ކޮވިޑްގެ ހާލަތު އަންގައި ދީ، ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްފިނުމަށް ހަނިމާދޫ ކެތިއަރާ ޖަމިއްޔާއިން "ރަށުހާލު" ނަމުގައި ހާއްސަ ވެބްސައިޓެއް ތައާރަފްކޮށްފި އެވެ.
އެ ޖަމިއްޔާގެ ރައީސް ނަދީމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ވެބްސައިޓް ހެދުމުގެ އެންމެ ބޮޑު މަގްސަދަކީ ހަނިމާދޫގެ ރައްޔިތުންގެ ކޮވިޑްގެ އެންމެ ފަހުގެ ހާލަތު އަންގައިދީ، ރަށުގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ގޮސްފިނަމަ ރައްޔިތުން އަމަލުކުރަންވީ ގޮތް ފަސޭހަކަމާއެކު ވެބްސައިޓް މެދުވެރިކޮށް އަންގައި ދިނުންކަމަށެވެ.
މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް ރަށުގެ އެއް މުވައްސަސާއިން އަނެއް މުވައްސަސާއަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަ ގޮތެއް ހޯދައިދިނުންމަކީވެސް ވެބްސައިޓް ހެދުމުގެ މަގުސަދެއް ކަމަށެވެ.
އެގޮތުން ވެބްސައިޓުގައި ކޮވިޑްގެ މައުލޫމާތު ހިއްސާކުރަމުން ދާނީ ހަނިމާދޫ ހެލްތު ސެންޓަރުންކަމަށާއި ހަނިމަދޫއަށް ދަތުރުކުރުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހަނިމާދޫ ކައުންސިލުން އާންމު ކުރާނެކަަމަށް ނަދީމް ވިދާޅުވި އެވެ. މީގެ އިތުރުން ވެބްސައިޓްގެ ކަންކަމުގައި އެރަށު ޕޮލިސް ސްޓޭޝަނުންވެސް އެހީތެރިވާނެކަން ނަދީމް ފާހަގަކުރެއްވި އެވެ.
ވެބްސައިޓް ހިނގާނީ އެރަށު ހެލްތު ސެންޓަރުންނާއި ކައުންސިލް އަދި ޕޮލިހުން ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި އެޖަމިއްޔާއިން ވެބްސައިޓް ބަލަހައްޓާއި ދުވަހުން ދުވަަހަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާނެކަމަށް ނަދީމް ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ރަށެއްގައި މިފަަދަ ވެބްސައިޓެއް ގާއިމްކުރި ފުރަތަމަ ފަހަރުކަން ނަދީމް ފާހަގަކުރި އެވެ. މި ވެބްސައިޓް މެދުވެރިކޮށް ރައްޔިތުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
ވެބްސައިޓް ހެދުމުގެ ހަރަކާތްތެރިވި އެ ޖަމިއްޔާގެ ނައިބް ރައީސް އަބްދުﷲ އަލީ އަދި މޫސާ ކައުޔަޝްގެ ނަން ނަދީމް ވަނީ ހާއްސަގޮތެއްގައި ފާހަގަކޮށްފަ އެވެ.