twitterviber whatsapp telegramfacebookyoutube instagram
9th October 2026

އެފްއޭއެމް ނޯތު ޒޯން އެކެއްގެ ތަށި އިހަވަންދޫ ބަލިކޮށް ނައިވާދޫއިން ހިއްލާލައިފި

މުޙައްމަދު އަހުމަދު
Oct 8, 2026

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތް ޒޯން 1 ގެ ފޯރިގަދަ ފައިނަލް މެޗުގައި އިހަވަންދޫ 2-1 އިން ބަލިކޮށް، މުބާރާތް ބޭއްވި ހދ. ނައިވާދޫއިން ޒޯންގެ ތަށި އުފުލާލައިފި އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށް، މުޅި މުބާރާތުގައިވެސްު ތަފާތު މޮޅު ކުޅުމެއް ދެއްކި ނައިވާދޫއަށް ފައިނަލް މެޗުގައި އިހަވަންދޫގެ ފަރާތުން ކުރިމަތިވީ ވަރުގަދަ ގޮންޖެހުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ނައިވާދޫއިން ވަނީ މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު އަސްލަމެވެ.

ނައިވާދޫއިން މެޗުގެ ކޮންޓްރޯލް ނަގައި، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެޓީމުގެ ލީޑު ފުޅާކުރި އެވެ. މި ގޯލަކީ އިހަވަންދޫ ޓީމުގެ ހާމިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފުގައި އިހަވަންދޫއިން މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް އިހަވަންދޫއިން ވަނީ ގޯލެއް ޖަހައި ސަޕޯޓަރުންގެ އުންމީދު އާކޮށްދީފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަލް ސައީދެވެ. ނަމަވެސް، އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް އިހަވަންދޫއަށް ވަގުތެއް ނުލިބުނެވެ.

މުބާރާތުގެ ވަކިވަކި މަގާމުތައް:

* ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ: އިބްރާހިމް ނާޖިހް (ނައިވާދޫ)
* މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މުހައްމަދު ޝާއިން (ނައިވާދޫ)
* އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: މުހައްމަދު ޝާއިން (ނައިވާދޫ)
* އެންމެ މޮޅު ކޯޗު: އަހްމަދު ސިނާން (ނައިވާދޫ)
* އެންމެ އުންމީދީ ކުޅުންތެރިޔާ: މުހައްމަދު ސަމްހާން (ހަނިމާދޫ)
* ފެއަރޕްލޭ ކުޅުންތެރިޔާ: އިބްރާހިމް ނަދާދް (ކަނޑިތީމު)
* ފެއަރޕްލޭ ޓީމު: ކަނޑިތީމު ފުޓްސަލް ޓީމު

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

1. މުހައްމަދު ޝާއިން (ނައިވާދޫ)
2. އަހްމަދު ހަމީދު (ނައިވާދޫ)
3. އިބްރާހިމް ނާޖިހް (ނައިވާދޫ)
4. އިބްރާހިމް ހާމިދު (އިހަވަންދޫ)
5. އަލްސައީދު (އިހަވަންދޫ)

މި ފައިނަލް މެޗުން އިހަވަންދޫ ބަލިވި ނަމަވެސް، އެޓީމުގެ މުބާރާތުގެ ދަތުރު އަދި ނުނިމެ އެވެ. ނޯތް ޒޯން 1 ގެ ޗެމްޕިއަން ނައިވާދޫ އާއި ރަނަރަޕް އިހަވަންދޫ ވަނީ ދެން އޮންނަ ނޯތް ބުރަށް ދަތުރުކޮށްފަ އެވެ. މި ބުރުގައި އެ ދެޓީމާއެކު ވާދަކުރާނީ ނޯތް ޒޯން 2 ގެ ޗެމްޕިއަން ދުވާފަރާއި، ރަނަރަޕް އިނގުރައިދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293