ރޭ ރަޝިއާގެ ޕީޓަސްބާގުގައި ރަޝިއާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗުން ބެލްޖިއަމް ކުރި ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގައި ލިބުނު އަނިޔާއާ ގުޅިގެން ބެލްޖިއަމް ތަރި ކެވިން ޑި ބްރޫނާއާ ނުލައި ކުޅުނު މިމެޗު ބެލްޖިއަމް އިން ކާމިޔާބުކުރީ 3-0 ލަނޑުގެ ތަފާތުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބު ކުރި ލަނޑަކީ ރަޝިއާގެ ކުޅުންތެރިން އޭނާ އޮފްސައިޑް މަޅީގައި ޖައްސަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމަށް ފަހު އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ އެޓީމުގެ ތޯމަސް މުނިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ތޯގަން ހަޒާޑް ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަޝިއާގެ ކީޕަރު އެންޓަން ޝުނިން އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފުރަތަަމަ ހާފްގައި ލިބުނު އަނިޔާއާ ގުޅިގެން ރަޝިއާގެ ޔޫރީ ޒާކޯވް އާއި ޑާލާ ކުޒްޔަޔޭވް ބަދަލު ކުރަން ޖެހުމުން އިތުރު އުދަގޫތަކެއް ރަޝިއާއަށް ކުރިމަތި ވިއެވެ.
މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް 88 ވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮމެލޫ ލުކާކޫ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލުކާކޫ ބުނީ އޭނާ އެކީ އިންޓަ މިލާނަށް ކުޅޭ ޑެންމާކުގެ އެރިކްސަން އަށް ދިމާވި ހާލަތާ ގުޅިގެން މެޗުގައި ފޯކަސް ކުރަން އުދަނގޫ ވިކަމަށާ އަދި އެކަމާ ގުޅިގެން އެތައް ބަޔަކަށް އަސަރު ކޮށްފައިވާ ކަމަށެވެ.
ޑެެންމާކާ ފިންލޭންޑް ބައްދަލު ކުރި މެޗުގައި އެރިކްސަން ހޭނެތިގެން ވެއްޓުމާއި ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
މިއަދުގެ މެޗަށްފަހު މިވަނީ ފުރަތަމަ ދެ ގުރޫޕްގެ ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެ ނިމިފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު އަދި އިތުރު ދެ މެޗެއް ކުޅެވޭނެއެވެ. އެއީ ގުރޫޕް ސީގައި މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ކުރޮއޭޝިއާ އާއި އިނގިރޭސި ވިލާތް ބައްދަލު ކުރާ މެޗާއި މިރޭ ނުވައެއް ޖަހާއިރު އޮސްޓްރިއާ އާއި ނޯތް މެކެޑޯނިއާ ބައްދަލު ކުރާ މެޗެވެ.