މިމަހު 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް ކުޅުދުއްފުށިން 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެތަނުން 8 ސާމްޕަލަކީ ފުލޫ އޯޕީޑީއިން ނެގި ސާމްޕަލްތަކެއްކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
އެންމެ ފުރަތަމަ ޕޮޒިޓިވްވީ މިމަހު 24 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ އަންހެން ކުއްޖެކެވެ. އޭގެ ފަހުން އިތުރު ބަޔަކު ޕޮޒިޓިވްވިއިރު އިތުރު 7 ސާމްޕަލަކީ ފުލޫ އޯޕީޑީ އިން ނެގި ސާމްޕަލެވެ.
ކޭއާރުއެޗުން މިއަދު އާންމު ކުރި މައުލޫމާތުން އެނގޭގޮތުގައި 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 21 މީހަކު ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން އެކަކު ރަނގަޅުވެފައިވާއިރު އެ މީހަކީ ފޯކައިދޫ ކްލަސްޓާގެ މީހެކެވެ.
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 9 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު 8 ސާމްޕަލަކީ ބަލީގެ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީއިން ނެގި ސާމްޕަލެވެ. ކޭއާރުއެޗުން ބުނީ މިއަދު ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ފުލޫ އޯޕީޑީއަށް ދެއްކި ދެ މީހުން ހިމެނޭ ކަމަށެވެ.
އެހެންވުމުން ގުޅުމެއް ނެތް ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވްވެފައިވާއިރު ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ކޭއާރުއެޗުން އެކަން ސީދާ ހާމަކޮށްފައެއް އަދި ނުވެ އެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު އޮތުމާއެކު އެއްވެސް ކަހަލަ އަލާމާތެއް ފާހަގަކުރެއްވިއްޖެނަމަ ހޮޓްލައިނަށް ގުޅައި އެންގުމަށެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ބަލި ފެތުރުނު ގޮތް އަދި ސާފުނުވާ ކަމަށާއި އެކަމަކު މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެއް ސަރަހައްދެއްގައި ދިރިއުޅޭ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އިތުރަށް ކަންކަން ސާފުވާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުންކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު އާތިފް ރޭ ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް 3 ފުލޫ ސާމްޕަލް ޕޮޒިޓިވްވެ ފުރަތަމަ ކޭސްއާ ގުޅުން ހުރި ފަރާތްތަކެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންވުމުން މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ބަލި އިތުރަށް ފެތުރުނަ ނުދީ އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް މޭޔަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
"ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެއްބާރުލުން ދެއްވާއިފިނަމަ ކުރިއެކޭވެސް އެއްފަދައިން ބަލި އަވަހަށް ކޮންޓްރޯލް ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ." މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށް ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ރަށުގެ އިގްތިސޯދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަކެއް ނެދޭވޭ އަސަރުތަކެއް ކުރާނެކަމަށާއި މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭ ކަމަށެވެ.