twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށީގެ މައިޒާން ތަކާއި ޕާރކްތައް ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Aug 1, 2021
1

ކޮވިޑް-19އާ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އެގޮތުން މިއަދު ހަވީރުން ފެށިގެން މައިޒާންތަކާއި ޕާރކްތައް ވަނީ ކުޅުދުއްފުށީ ކޮވިޑް ޓާސްކް ފޯސްއިން ބަންދުކޮށްފަ އެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް ޓާސްކް ފޯސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މަހު 24 ވަނަ ދުވަހު ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީގައި އަންނަނީ ހަލުވިކަމާއި އެކު ބަލި ފެތުރެމުންނެވެ.

އެގޮތުން ކުޅުދުއްފުށީގައި މިވަގުތާއި ހަމައަށް އެކްޓިވް ކޭސްތަކުގެ އަދަދު 51 އަރައިފި އެވެ.

ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރެއްކަމުން ގިނައަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަވެސް ވަނީ ދަތުރުކޮށްފައެވެ. އަދި ކޮވިޑް ބަލިމަޑުކަމަށް ބެލުމެއްނެތި ގިނަބަޔަކު އަންނަނީ އެއްވުންތަވެސް ބާއްވަމުންނެވެ.

ކުޅުދުއްފުށި މޮނިޓަރިންނަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، ކޮންޓެކްޓް ބަބްލް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހި، އާންމު ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫ އަރާ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިންނާއި ކަމުގެ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355