twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުލެމިންގޯއާއެކު ކުޅުދުއްފުއްޓަށް އީދެއް

ނަބީލާ އިސްމާޢީލް
Oct 19, 2021

މި ދުވަސްވަރަކީ އެކި ސަރަހައްދުތަކުން ރާއްޖެއަށް ގިނަ ބާވަތުގެ ދޫނި ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އެ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ބާވަތުގެ ދޫންޏަކީ އާންމުކޮށް ރާއްޖޭން ނުފެންނަ ގުޑުގުޑާ ދޫނި ނުވަތަ ފުލެމިންގޯ އެވެ. މި ދޫނިތަކާއެކު ކުޅުދުއްފުށީ މަށި ކުޅިއަށް ވަނީ އީދެއް އައިސް އިތުރު ދިރުމެއް ލިބިފަ އެވެ.

މި ދޫނިތަކާއެކު ކުޅިއަށްވަނީ އިތުރު ޗާލުކަމަކާއި ފުރިހަމަ ކަމެއް އައިސްފަ އެވެ. ހިޖުރަ ކުރި ދޫނިތައް ބަލާލުމަށާއި އެ ތަނުގެ އެ ހިތްގައިމު މަންޒަރުތައް ފޮޓޯނެގުމަށް އެ ސަރަހައްދުން މިހާރު މީހުން ހުސްނުވެ އެވެ.

އާންމުކޮށް ފިލުމުތަކުން ނޫނީ ނުފެންނަ ފުލެމިންގޯ ދޫނި މިހާރު ރާއްޖޭގެ ބައެއް ރަށްތަކުން ހަމަ ލޮލަށް ބަލާލުމުގެ ނަސީބު މިވަނީ ލިބިފަ އެވެ. ފުލެމިންގޯ ކުޅުދުއްފުށިން ފެންނަތާ ތިންވަރަކަށް ދުވަސްވެފައިވާއިރު މިއަދަކީ ގިނަ ބަޔަކު އެ ދޫނިތައް ބަލާލުމަށް އެ ސަރަހައްދަށް ދިޔަ ދުވަހެކެވެ.

ހިޖުރަކުރި ދޫނިތަކުގެ ތެރެއިން ކުޅިއަށް 15 ވަރަކަށް ފުލެމިންގޯ ދޫނި އައިސްގެން އުޅޭއިރު، އެއީ ބަލާ ފޫހިނުވާ ފަދަ ގުދުރަތީ މަންޒަރެކެވެ. ބައެއް ދޫނިތައް އުދުހިލާފައި އުޅޭއިރު، ފްލެމިންގޯ އާއްމުކޮށް އިންނަ ގޮތަށް، އެއް ފައިމައްޗަށް ކޮޅަށް ހުންނަ ފުރިހަމަ މަންޒަރުވެސް ފެނިގެން ދެއެވެ.

މިދުވަސްވަރު އާންމުކޮށް ކެނޯގައި މީހުން ކުޅިތެރެއިން ދުއްވާލާފައިދާއިރު އެ ސަރަހައްދުން ފެންނަނީ އަޖައިބެއް ކަހަލަ ރީތިކަމެކެވެ. އެ މަންޒަރު ބަލާލަން ކުޅި ވަށައިގެން، ފޯނުތަކާއި ކެމެރާތައް ހިފައިގެން ރަށުގެ އެކި އުމުރުގެ ގިނަމީހުން އެ ސަރަހައްދުގައި އުޅެއެވެ.

ކެމެރާތަކާއި ފޯނުތަކުން ނަގާ ފުލެމިންގޯގެ ހިތްގައިމު ގިނަ މަޒަރުތަކުން މުޅި ސޯޝަަލް މީޑިއާގެ ޕުލެޓްފޯމްތައްވަނީ އިތުރު ފުރިހަމަކަމެއް އައިސްފަ އެވެ.

މި ހިތްގައިމު މަންޒަރުތައް މިފެންނަން އޮއްވައި މި ދޫނިތަކަށް ގެއްލުންދީ މި ތަކެތި ހިފައި މިއެއްޗެއްސައް ގެއްލުންދޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް މި މޫސުމުގައި ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ހިފުން، އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ މަނާކޮށްފަ އެވެ.

އީޕީއޭ އިން ވަނީ މި ދުވަސްވަރު ރާއްޖެ އަންނަ ދޫނިތައް ހިފާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ބުނެފަ އެވެ. އެގޮތުން ފުޓްބޯޅަ ދަނޑުތަކާއި ހާމައަށް ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރަ ޖަހައިގެން ދޫނި ހިފާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އެތަނުން ބުންޏެވެ. އެހެންވެ، އެކަން ނުކުރުމަށް އެތަނުން އިލްތިމާސްކޮށްފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355