ހދ. ކުމުންދޫ ކުރެވި ޖަމިއްޔާއިން އިސްނަގައިގެން އެ ޖަމިއްޔާގެ ކުޅިވަރު ވިންގުގެ ދަށުން ކުމުންދޫގައި "ޒީރު ސްޕޯޓްސް" ނަމުގައި އެކެޑެމީއެއް ހުޅުވައިފި އެވެ.
ކުރެވި ޖަމިއްޔާގެ ނައިބު ރައީސް ފާރިސް އަބްދުލް ގައްޔޫމް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވަގުތު ހަމަ އެކަނި ފިރިހެން ކުދިންނަށް ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ނެޓް ބޯޅަވެސް ކުރިއަށްގެންދަން ރާވާފައިވާކަމަށެވެ.
އިއްޔެ ހަވީރު 16:30ގައި އެރަށު ފުޓްސަލް ދަނޑުގައި ކުލަގަދަ ރަސްމިއްޔާތަކާއި އެކު މި އެކަޑެމީ ހުޅުވައިދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އަދި ލަވަކިއުންތެރިޔާ ސަލަބީ އިބްރާހިމެވެ.
އެކަޑަމީގައި ބައިވެރިވެވޭނެ އުމުރު ފުރާތަކަކީ 7 އަހަރާ 9 އަހަރާއި ދެމެދުގެ އިތުރުން 10 އަހަރާއި 13 އަހަރާއި ދެމެދު އަދި 13 އަހަރުން މަތީގެ އުމުރު ފުރާއަށެވެ.
ފާރިސް ވިދާޅުވީ އެކަޑަމީއަށް ޖޮއިންވާން ބޭނުންވާ ކުދިންނަށް އަބަދުވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 13:00 އަށް ކުރެވި ޖަމއްޔާގެ އޮފީހުން ރަޖިސްޓުރީ ފޯމް ލިބޭނެ ކަމަށެވެ.
އެކަޑަމީގައި ރަޖިސްޓްރީވުމަށް 350 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އަދި މަހު ފީގެ ގޮތުގައި 200 ރުފިޔާގެ ފީއެއް ނެގޭއިރު ރަޖިސްޓްރީ ފީ ދެއްކުމުން ޕްރެކްޓިސް ކިޓް ލިބޭނެ އެވެ.
ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގުސަދުގައި ހުޅުވި މި އެކަޑަމީގައި މިހާރު އެކި އުމުރުފުރާތަކުން ޖުމްލަ 41 ކުދިން ދަނީ ތަމްރީނު ކުރަމުންނެވެ.