twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑެންގީއާއި ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Jul 7, 2022

އަރިދަފުސް ރޯގާއާއި ޑެންގީ އަދި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެފައިވާތީ، އެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި، ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 294 މީހަކު ފަރުވާ ހޯދާފައިވާއިރު އަރިދަފުސް ރޯގާ ޖެހިގެން 21،802 މީހުން އަދި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން 2،376 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިއަހަރުގެ މޭ މަހު ވަނީ މުޅި ޖުމްލަ 13،361 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ ޖޫން މަހު ވަނީ 21،802 ކޭސް ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މޭ މަހާ އަޅާ ބަލާއިރު މިދިޔަ ޖޫން މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު ވަނީ އިތުރުވެފައެވެ. އަދި ޓެސްޓް ކުރި ސާމްޕަލްތަކުގެ ތެރެއިން ހަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

ހުން އައިސް ކެއްސުމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަޑުޖައްސާލުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355