ނެޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ބާއްވާ ގައުމީ ނެޓްބޯޅަ މުބާރާތް 2022 ގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް (ކޭވައިއާރުސީ)ން ހޯދައިފި އެވެ.
ކޭވައިއާރުސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށެވެ. މިމެޗު ކޭވައިއާރުސީން ކާމިޔާބުކުރީ 55 ޕޮޓް 46 ޕޮޓުގެ ތަފާތުން ގްރީން ސްޓްރީޓްސް ބަލިކޮށެވެ. ދެޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ހުނަރުވެރި ގިނަ ކުޅުންތެރިން ވަނީ މިމެޗުގައި ވިދާލާފަ އެވެ.
މުބާރާތުގެ ތަށި ކޭވައިއާރުސީން ހޯދިއިރު ފައިނަލު މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވިފައިވަނީ ކޭވައިއާރުސީގެ މަރިޔަމް ޝިނާއަތު އަށެވެ. މުބާރާތުގައި ކޭވައިއާރުސީގެ ޓީމުން ވަނީ ތަފާތި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ކޭވައިއާރުސީން މިމުބާރާތުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗުގައިވީ ބައްޔެވެ. އެހެންނަމަވެސް ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކޮށް ކޭވައިއާރުސީން ވަނީ ތަށި ހޯދާފަ އެވެ.
މީގެއިތުރުން ކޭވައިއާރުސީން ވަނީ މަހިބަދޫ ސްޕޯޓްސް ކުލަބް 80 ޕޮޓް 21 ޕޮޓުން ބަލިކޮށްފަ އެވެ. އަދި ސްޕޯޓްސް ކުލަބް ޝައިނިން ސްޓަރގެ މައްޗަށް ކޭވައިއާރުސީން ކުރިހޯދީ 71 ޕޮޓް 33 ޕޮޓުގެ ތަފާތުންނެވެ.
މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭވައިއާރުސީގެ އައިޝަތު ސަލީމާއާއި މަރިޔަމް ޝިނާއަތް އަދި މަރިޔަމް ރަނާއާއި ހަމްނާ އަބްދުއްރަހްމާންގެ އިތުރުން ކުލަބް ގްރީން ސްޓްރީޓްސްގެ ނޫރް ޝިފަޒްލިއާނާ ބިންތި މުހައްމަދު އަލީއާއި އެޓީމުގެ އައިމިނަތު ރީމް ޝާމް އެވެ. އަދި މީގެއިތުރުން ސްޕޯޓްސް ކުލަބް ޝައިނިން ސްޓަރގެ އައިޝަތު ޒީކް ޝިޔާމް އެވެ.
ފުރަތަމަ ޑިވިޝަނުގެ ކުއީން އޮފް ދަ ސީރީސް އަކަށް ހޮވުނީ ކޭވައިއާރުސީގެ ކުޅަދާނަ އަދި ހުނަރުވެރި ކުޅުންތެރިޔާ މަރިޔަމް ޝިނާއަތް އެވެ. އަދި މި ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކޭވައިއާރުސީގެ ނީޝާ ހަލީމް އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކީ ސްޕޯޓްސް ކުލަބް ޝައިނިން ސްޓަރގެ އައިމިނަތު އައިނީ އެވެ.
މިފަހަރުގެ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ތަށި ހިއްލާލާފައިވަނީ ޔޫތް ޔުނައިޓެޑް އެސްސީ އެވެ. އެޓީމުން ތަށި ހޯދީ ފައިނަލުގައި 48 ޕޮޓް 30 ޕޮޓުން ވިލިގިލި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް ބަލިކޮށެވެ. އެމެޗުގެ ކުއީންއަކަށް ހޮވިފައިވަނީ ޔޫތް ޔުނައިޓެޑް އެސްސީގެ މަރިޔަމް ޝިއުރާ ނާސިހް އެވެ