އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ލިބޭތީ އެ ގައުމުގެ ކުރިމަތީގައި އަޅުވެތިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ހއ. ކެލާގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ތިބުމަކީ ހަމައެކަނި އެމަނިކުފާނު ތަހައްމަލު ކުރާ އުނދަގުލެއް ނޫން ކަމަށާއި ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރަން ޕީޕީއެމް ފިޔަވައި އިތުރު ޕާޓީއެއް ނުނިކުންނާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ފިޔާކޮޅަކާއި އަލުވިކޮޅަކާ ލިބޭތީ ކުޑަކަކޫ މައްޗަށް އަޅުގަނޑުމެންގެ އިސްތިގުލާލު ލައިގެން ތިރިވާން ޖެހޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ﷲގެ ރަހުމަތުން މަހުރޫމް ވެފައި ތިބި ބައެއް ނޫން. އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް އެހެން ދިމަ ދިމާލުން ކަންކަން ނުކުރެވޭ ވަރުގެ ނާގާބިލު ހާލަތެއްގައި ތިބި ބައެއް ނޫން" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވާން އެކިއެކި ސިޔާސީ ބޭފުޅުން މީގެ ކުރިން ދައްކަވާފައި ހުރި ހުއްޖަތުތަކާއި ބަހާނަތައް އާންމުންނަށް ފެނި، އަޑުއިވިފައިވާނެ ކަމަށެވެ. އެމަނިކުފާނު އިޝާރާތްކުރެއްވީ މީގެ ކުރިން އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެ ޕާޓީއަށް ނިސްބަތްވާ ބައެއް ވަޒީރުން ދައްކަވާފައިވާ ވާހަކަތަކަށެވެ.
ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ދިމަދިމާލުން ވެސް އިންޑިއާއިން އިމްޕޯޓް ކުރާ ތަކެތި ހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް އެހެން ދިމަދިމާލުން ކަންކަން ނުކުރެވޭވަރުގެ ނާގާބިލު ހާލަތެއްގައި ތިބި ބައެއް ނޫން. ފިޔާ، އަލުވި ލިބޭނެ އެހެން ތަންތަނުން ވެސް،" ޔާމިން ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ވަޒީރުން ދިވެހިންގެ އިސްތިގުލާލު ފިޔާކޮޅަކާއި އަލުވިކޮޅަކާ އެއްވަރުކުރުމަކީ ހުތުރު އަދި ލަދުވެތި ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ފަހުގެ ޒަމާނެއްގައި މުޅި ރާއްޖޭގެ ދިވެހިވަންތަކަމާއި ގައުމިއްޔަތުގެ ސިފަވަރު ބަދަލުކޮށްލަން ނުވަތަ މިހާރު އޮތް ގޮތަށް ބާއްވަން ލިބޭ ފަހު ފުރުސަތު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރައްޔިތުންނަށް ގޯހެއް ހެދިއްޖެނަމަ ތާ އަބަދަށް ދިވެހިންގެ އަތުން ރާއްޖެ އަލްވަދާއު ކިޔާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.