މިދިޔަ އަހަރުގެ މުބާރާތްތަކުގެ އެންމެ މޮޅު ފެތުންތެރިން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023ގެ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިޔާ އަށް ދޭ ފެންމުތުގެ ޝަރަފް އަލީ އިމްއާން އާއި މެރާލް އައިން ލަތީފް ހޯދައިފި އެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މިމަހުގެ 25 - 28 އަށް ކުރިއަށްދިޔަ ޗެމްޕިއަން އޮފް ޗެމްޕިއަންސް ގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ މުބާރާތްތަކުގެ އެންމެ މޮޅު ފެތުންތެރިންނެވެ. ކޮންމެ އިވެންޓަކުން ވެސް އެންމެ މޮޅު އަށް ފެތުންތެރިންނަށް ފުރުސަތު ދީގެން ކުރިއަށްދާ މިމުބާރާތުގެ އެންމެ މޮޅު ފެތުންތެރިން ހޮވަނީ އެ ފެތުންތެރިޔަކު ފަތާ އިވެންޓްތަކުން ޕޮއިންޓް ދީގެންނެވެ.
ޖުމްލަ 48 ފެތުންތެރިން ބައިވެރިވިއިރު ފިރިހެން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދައި ފެންމުތުގެ ޝަރަފު ހޯދީ އިމްއާން އެވެ. އަދި އަންހެން ބައިން އެންމެ ގިނަ ޕޮއިންޓާއެކު އެޝަރަފް ހޯދީ މެރާލް އައިން ލަތީފެވެ.
އިމްއާން ވާދަކުރި އިވެންޓްތަކަކީ މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ފްރީސްޓައިލް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 50 މީޓަރު ފްރީސްޓައިލް އަދި 50 މީޓަރު ބަޓަފްލައި އެވެ. 50 މީޓަރު ފްރީސްޓައިލް އަދި 50 މީޓަރު ބަޓަފްލައި ފިޔަވާ ދެން ވާދަކުރި ހުރިހާ އިވެންޓަކުން އިމްއާން ވަނީ އެއްވަނަ ހޯދާފަ އެވެ.
50 މީޓަރު ފްރީސްޓައިލް އަދި 50 މީޓަރު ބަޓަފްލައިއިން އިމްއާން އަށް ލިބުނީ ދެވަނަ އެވެ. އަންހެން ބައިން އެއްވަނަ ހޯދި މެރާލް ވާދަކުރި އިވެންޓްތަކަކީ 400 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބަޓަފްލައި، 100 މީޓަރު ބަޓަފްލައި، 200 މީޓަރު ބަޓަފްލައި، 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ، މިއިވެންޓްތަކުން މެރާލް އެއްވަނަ ހޯދިއިރު އަދި އިތުރު ދެއިވެންޓަކުން ދެވަނައާއި އެއް އިވެންޓުން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.
މިދެ ފެތުންތެރިން ވެސް ފެންމުތުގެ ޝަރަފު ހޯދި ފުރަތަމަ ފަހަރަށްވީއިރު މެރާލް އަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެންމެ ޒުވާން ފެތުންތެރިޔާކަން ފާހަގަކޮށްލެވެ އެވެ. މެރާލްގެ އުމުރަކީ 13 އަހަރެވެ. އިމްއާން މިވަގުތު އަންނަނީ ފީނާއިން ދިން ސްކޮލާޝިޕެއްގައި ތަމްރީން ހަދަމުންނެވެ.