twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ބީޗް ގޭމްސް: ބީޗް ހޭންޑްބޯޅަ ޓީމު ދެކުނު އޭޝިއާގެ ދެވަނައިގައި

މުޙައްމަދު އަހުމަދު
May 1, 2026

ޗައިނާގެ ސަންޔާގައި މިދިޔަ މަހު ކުރިއަށްދިޔަ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރި ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމު ދެކުނު އޭޝިއާގެ ގައުމުތަކުން ދެވަނައިގައި ހިމެނިއްޖެ އެވެ.

މުޅި މުބާރާތުގެ ތާވަލުގެ ރޭންކިންތަކަށް ބަލާއިރު ދެކުނު އޭޝިއާއިން އެއްވަނައިގައި އޮތީ ޕާކިސްތާނެވެ. ޕާކިސްތާން އޮތީ 7 ވަނައިގަ އެވެ. އަދި 10 ވަނައިގައި އޮތް ރާއްޖެއަށް ދެކުނު އޭޝިއާގެ ދެވަނަ ލިބޭއިރު ރާއްޖެއަށް ފަހަތުގައި އޮތީ ބަންގްލަދޭޝްއާއި ސްރީ ލަންކާ އެވެ.

ޖުމްލަ 14 ގައުމުގެ ތެރެއިން ގޭމްސްގެ 10 ވަނަ ރާއްޖެއަށް ލިބުނުއިރު 11 ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އަދި 13 ވަނަ ލިބުނީ ސްރީ ލަންކާ އަށެވެ. މޮންގޯލިއާ ފުލަށް ދިޔައިރު މިފަހަރުގެ ގޭމްސް ޗެމްޕިއަންކަން ހޯދީ އިރާނުންނެވެ.

ރަނަރަޕްކަން ގަތަރަށް ލިބުނުއިރު މުބާރާތުގެ ތިންވަނައަށް ދިޔައީ ތައިލޭންޑެވެ. މިފަހަރުގެ ބީޗް ގޭމްސް އަކީ ރާއްޖެއިން ވާދަކުރި 3 ވަނަ ބައިނަލްއަގްވާމީ މުބާރާތަށްވީއިރު މިފަހަރުގެ މުބާރާތުގައި އޭޝިއާގެ އެންމެ މޮޅެތި ޓީމުތަކާ ވާދަކޮށް ރާއްޖެއިން ވަރުގަދަ މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެ އެވެ.

މިފަހަރުގެ ގޭމުގައި މޮންގޯލިއާ އަދި ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން މޮޅު ކުޅުމެއް ދައްކާ ކުރިހޯދިއިރު އެހެން މެޗުތަކުން ވެސް ވަރުގަދަ ފައިޓެއް ޓީމުތަކަށް ދިނެވެ. ނަމަވެސް ގަތަރާއި ޖޯޑަން އަދި ތައިލެންޑާއި އޮމާން، ޕާކިސްތާން އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

މިފަހަރުގެ ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރީ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ އިތުރުން ބީޗް ވޮލީ ޓީމާއި ސްވިމިން އަދި އެތްލެޓިކްސް ގައުމީ ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355