twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ފަށައިގެން ފޯރިއާއެކު ކުރިއަށް

މުޙައްމަދު އަހުމަދު
Feb 1, 2023

ހަނިމާދޫ ލީގު 2023 ގެ ނަމުގައި ހަނިމާދޫގެ ޒުވާން ވިޔަފާރިވެރިއަކު އެރަށުގައި މުޅިން އަލަށް ލީގެއް ފަށައިފި އެވެ. ސެމްސް އެލްމިނިއަމުން ކުރިއަށްގެންދާ މި ލީގު ވަނީ މިދިޔަ މަހުގެ 30 ގައި ފަށާފަ އެވެ. މިއީ މިގޮތަށް ހަނިމާދޫގައި ބޭއްވޭ ފުރަތަމަ ފުޓްބޯޅަ ލީގެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ އެކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމެވެ. އަދި ހަނިމާދޫގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދާ އެކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ޔޫތް ފްރެންޑްސް، ޝީލްޑް، އަހުލީ، ރޫހު، ޔުނިފޯމް، ރިއަލް ސްޓާސް އަދި ފެލްކަން އެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ދެލެގު ކުޅެ 1 ވަނައިގައި އޮންނަަ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މެޗުތައް ކުރިއަށްދާނީ ހަފްތާ ބަންދު ދުވަސް ތަކުގަ އެވެ. (ހުކުރު އަދި ހޮނިހިރު).

ލީގުގެ ލީގު ޗެމްޕިއަންގެ އިތުރުން ލީގު އެންމެ މޮޅު ކުޅުންތެރިޔާ އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ. އަދި ޗެމްޕިއަން ޓީމަށް ޝީލްޑް އަދި ފައިސާގެ އިނާމެއް ދެވޭނެ އެވެ.

މުބާރާތް މިދިޔަ ޖެނުއަރީ މަހުގެ 30 ގައި ފަށާފައިވާއިރު މިހާތަނަށް ދެމެޗެއް ކުޅެފައިވެ އެވެ. ފުރަތަމަ މެޗުގައި ރޫހު އަދި ޝީލްޑް ބައްދަލުކުރި އިރު އެމެޗު 4 - 2 ން ކާމިޔާބުކުރީ ރޫހުންނެވެ. އަދި ދެވަނަ މެޗުގައި އަހުލީ އަދި ޔޫތް ފްރެންޑްސް ބައްދަލުކުރި މެޗު 4 - 3 ން ކާމިޔާބުކުރީ ޔޫތު ފްރެންޑްސްއިންނެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސެމްސް އެލްމިނިއަމް އެވެ. އަދި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު އެކު ކުރިއަށް ގެންދެވޭ މުބާރާތެއް ކަމަށް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355