twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޓަރ ސްކޫލް ފުރަތަމަ ޖޫނިއަރ ބާސްކެޓް މުބާރާތުގައި ވާދަކުރުމަށް ހދ އޭއީސީގެ ޓީމް މާލެއަށް

ނަބީލާ އިސްމާޢީލް
Feb 7, 2023
2

ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ޖޫނިއަރ ޗެމްޕިއަން ޝިޕްގައި ވާދަކުރުމަށް ހދ އަތޮޅު ތައުލީމީ މަރުކަޒު (ހދ އޭއީސީ)ގެ ޖޫނިއަރ ބާސްކެޓް ޓީމް މާލެ ދާން ތައްޔާރުވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހދ އޭއީސީގެ ސްޕޯޓް ސްޕަވައިޒަރ ފަތުހުﷲ ހަސަން ވިދާޅުވީ މި މުބާރާތަކީ މި މަހު 1 ން އަންނަ މާޗް މަހުގެ 17 އަށް މާލޭ ޔޫތް ސެންޓަރުގެ އިންޑޯ ކޯޓްގައި ކުރިއަށްދާ މުބާރާތެއް ކަމަށެވެ.

ޖުމްލަ 88 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ބައިވެރިވެފައިވާ މި މުބާރާތުގައި އޭއީސީން ވާދަކުރާނީ 15 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ. މި އުމުރުފުރާއިން މާލެއިން ބޭރު ސްކޫލަކަށް ބައިވެރިވެފައިވެސް ވަނީ މި ސްކޫލުން އެކަންޏެވެ. 15 އަހަރުން ދަށުގެ މެޗްތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު 6 ވަނަ ދުވަހު އެވެ.

އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 20 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގު ހައި އިންޓަނޭޝަނަލް ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން، ދަރުމަވަންތަ ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ގާޒީ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޏ އަތޮޅު އެޑިއުކޭޝަން ސެންޓަރ، ހދ އޭއީސީ، ހިރިޔާ ސްކޫލް، ހުރަވީ ސްކޫލް، އިމާދުއްދީން ސްކޫލް އޮފިސަލްސް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފަން ސްކޫލް، މަޖީދިއްޔާ ސްކޫލްގެ އިތުރުން ތާޖުއްދީން ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހިމެނެ އެވެ.

ފަތުހުﷲ ވިދާޅުވީ އެކި އުމުރު ފުރާތަކަށް ހުޅުވާލި ނަމަވެސް ކުޅުންތެރިން ހަމަވެފައިވަނީ ހަމައެކަނި 15 އަހަރުން ދަށުގެ ޓީމަށް ކަމަށެވެ. ނަމަވެސް އަންނަ އަހަރު އޮންނަ މި މުބާރާތައް އިތުރު އުމުރުފުރާތަކުން ޓީމުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ ކަންކަމަށް ސްކޫލްގެ ސީނިއަރ މެނޭޖްމެންޓާއި ސްކޫލްގެ ވެރިން ދެއްވާ އެއްބާރުލުމުގެ އިތުރުން ޑަބްލިއު ސްޕޯޓްސް އެކަޑަމީ ވެދެއްވި އެހީތެރިކަމަށް ފަތުހުﷲ ޝުކުރު ދަންނަވަމުން މި ކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދެ ކޯޗުން ކަމުގައިވާ އަލީ މުހައްމަދާއި ފަތުހުﷲ ހަސަނާއެކު އެއީސީ ޓީމް މާލެ ފުރަން ހަމަޖެހިފައިވަނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ.

ޖޫނިއާ އުމުރުފުރާތަކުގެ ކުދިންނަށް ވާދަވެރި މާހައުލެއްގައި ބާސްކެޓްބޯޅަ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސްކުރުމަށް އެމްބީއޭ އިން ކުރިއަށްގެންދާ މިމުބާރާތުގައި ހަތަރު އުމުރުފުރާ އެއް ވާދަކުރާނެ އެވެ. 41 އަންހެން ޓީމް ބައިވެރިވިއިރު، 47 ފިރިހެން ޓީމު މިއަހަރުގެ މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ.

ބާސްކެޓްބޯޅައަކީ އިންޓަ ސްކޫލް މުބާރާތްތަކަށް ބަލާއިރު އެންމެ ގިނަ މެޗު ކުޅޭ އެއް މުބާރާތެވެ. ރެކޯޑު އަދަދެއްގެ ޓީމްތައް ވާދަކުރާ މި އަހަރު 265 މެޗެއް ކުޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355