އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މިވަގުތު 23 މެޗުން 51 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ސިޓީ އެވެ. ދެވަނައިގައި 22 މެޗުން 51 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތްއިރު ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި އާސެނަލް ދެވަނައިގައި އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
ތިންވަނައިގައި އޮތީ 23 މެޗުން ލިބުނު 46 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ. އަމިއްލަ ދަނޑުގައި ރޭ ސިޓީ އަތުން އާސެނަލް ބަލިވީ 3 - 1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ސިޓީންނެވެ.
މެޗުގެ 24 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މިލަނޑަށްފަހު އާސެނަލުން ކުޅުން ރަނގަޅު ކުރިއިރު ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ބުކާޔޯ ސަކާ އެވެ. މިޕެނަލްޓީއަކީ ސިޓީގެ ކީޕަރު އާސެނަލް ފޯވާޑް އެޑީ އެންކެޓިއޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ސިޓީން މެޗުގައި އަލުން ލީޑު ނެގީ 72 ވަނަ މިނެޓުގައި ޖެކް ގްރީލިޝް އެވެ. ނަމަވެސް މެޗުގައި ސިޓީއަށް ތިން ޕޮއިންޓް ޔަގީންވި ލަނޑު ޖަހައިދިނީ ހާލަންޑެވެ. ޑިބްރޭނާގެ އެސިސްޓަކުން މިލަނޑު ހާލަންޑް ޖެހީ މެޗުން ނިމެން 7 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ.