twitterviber whatsapp telegramfacebookyoutube instagram
11th September 2026

ކޯލް ޕާމާ ފަހަތަށް ޖައްސާލުމަށްފަހު ޗެލްސީގެ ޖޯއޯ ޕެޑްރޯ ޕްރިމިއާ ލީގުގެ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފި!

މުޙައްމަދު އަހުމަދު
Sep 11, 2026

އިނގިރޭސި ޕްރިމިއާ ލީގުގެ 2026/27 ވަނަ އަހަރުގެ ސީޒަން ވަރުގަދަކޮށް ފެށި ޗެލްސީގެ ބްރެޒިލް ފޯވާޑް ޖޯއޯ ޕެޑްރޯ، އޯގަސްޓް މަހުގެ 'އީއޭ ސުޕޯޓްސް ޕްރިމިއާ ލީގު ޕްލޭޔާ އޮފް ދަ މަންތު' އެވޯޑު ރަސްމީކޮށް ކާމިޔާބުކޮށްފި އެވެ. މިއީ އުމުރުން 24 އަހަރުގެ ފޯވާޑް އޭނާގެ ކެރިއަރުގައި އިނގިރޭސި ލީގުގެ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯލް ޕާާމާ މި އެވޯޑު ހޯދި ފަހުން ޗެލްސީގެ ކުޅުންތެރިއަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

ބްރައިޓަން ދޫކޮށް ސްޓެމްފޯޑް ބްރިޖަށް ބަދަލުވި ޕެޑްރޯ ވަނީ އޯގަސްޓް މަހު ކުޅުނު ލީގު ފުރަތަމަ ދެ މެޗުގައި 4 ގޯލު އުފެއްދުމުގައި ސީދާ ބައިވެރިވެފަ އެވެ. ފުލަމް އަތުން 3-2 އިން ޗެލްސީ މޮޅުވި މެޗު ފެށިގެން އެންމެ 31 ސިކުންތުގެ ތެރޭގައި ގޯލްކީޕަރު ބާންޑް ލެނޯ ބޯމަތިން އޮއްސާލައިގެން ޕެޑްރޯ ގޯލު ޖެހިއިރު، އެ މެޗުގެ ނިންމާލި މޮޅު ގޯލު ޕާާމާއަށް ތަނަވަސްކޮށްދިނީވެސް އޭނާ އެވެ. އޭގެފަހުން އޭނާގެ ކުރީގެ ކްލަބު ބްރައިޓަން އަތުން 4-3 އިން ޗެލްސީ މޮޅުވި މެޗުގައިވެސް ޕެޑްރޯ ވަނީ މުހިންމު ގޯލެއް ޖަހައި، މެޗުން މޮޅުވި ގޯލު ޖެހުމަށް ޕާމާއަށް އެސިސްޓް ފޯރުކޮށްދީފަ އެވެ.

މި އެވޯޑު ކާމިޔާބުކުރުމަށްފަހު ކްލަބުގެ މީޑިއާއަށް ދިން އިންޓަވިއުގައި ޕެޑްރޯ ބުނީ "އަހަރެންގެ އެންމެ ސާފު ހަނދާނަކީ ފުލަމް ކޮޅަށް ޖެހި ގޯލު އަދި އެ މެޗުގައި ޕާމާއަށް ދިން އެސިސްޓް. އަހަރެމެންގެ އެޓެކިންގް ލައިންގައި ތިބި ކުޅުންތެރިންގެ މެދުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއް" ކަމަށެވެ.

އާންމުންގެ ވޯޓާއި ކުޅިވަރު އެކްސްޕާޓުންގެ ޕެނަލްގެ ވޯޓުން ޕެޑްރޯ މި އެވޯޑު ހޯދީ، އޭނާގެ ޓީމު މެންބަރު ކޯލް ޕާާމާގެ އިތުރުން ރިކާޑޯ ކަލަފިއޯރީ (އާސެނަލް)، ރަޔާން ޝެރްކީ (މެންޗެސްޓާ ސިޓީ)، ބްރޫނޯ ފެރްނާންޑޭސް (މަންޗެސްޓާ ޔުނައިޓެޑް) އަދި ޔޯއާން ވިސާ (ނިއުކާސަލް) ފަދަ ވަރުގަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޕެޑްރޯ ވެގެންގޮސްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި 7 ވަނަ ބްރެޒިލް ކުޅުންތެރިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293