އެކުވެރިކަމުގެ މެޗެއްގައި މިއަދު 3-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ރާއްޖެ ބަލިވި ނަމަވެސް ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކައިފި އެވެ. މިއީ ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ޗައިނާއާއި ރާއްޖެ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ކުރިން ބައްދަލުކުރި މެޗުތަކަށް ބަލާއިރު ދެޓީމުގެ ސްކޮޑަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން، ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތީ ކީޕަރު ހުސެއިން ޝަރީފް (ހުސެން)، ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)، އަމްދާން އަލީ (އެންޑީ)، ހަސަން އީނާޒް (ބަކާ)، އަހުމަދު އައިހަމް (އައިހު)، ހައިޝަމް ހަސަން (ބިޑި)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް އައިސަމް، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، އަހުމަދު އައިހަމް (ފަތޯ) އަދި މުޒްދާން ހަސަން އެވެ. މިއީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ލޫތު އާއި މުޒްދާން ކުޅުނު އެންމެ ފުރަތަމަ މެޗެވެ.
ޗޮންގްޗުން ލޮންގްޝިން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗުގައި، ރާއްޖޭގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ޗައިނާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭރިއާ ތެރެއަށް ނެގި ހުރަސްތައް ދިވެހި ކީޕަރު ހުސެން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އަދި ޑިފެންޑަރުންގެ ގޮތުގައި ހަރަކާތްތެރިވި އީނާޒް، ސަމުއްޓެ އަދި އެންޑީގެ ފަރާތުން ފުރަތަމަ ހާފުގައި ވަރުގަދަ ދިފާއީ ކުޅުމެއް ފެނިގެންދިޔަ އެވެ.
ފުރަތަމަ ހާފުގެ ތެރޭގައި ޗައިނާގެ ފޯވާޑް ވަން ޒިމިން ފޮނުވާލި ހަމަލާ ކީޕަރު ހުސެން ވަނީ އަތަށް ނަގާފަ އެވެ. އަނެއްކޮޅުން ރާއްޖޭގެ އައިހަމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބޭނުންނުހިފި ބޭކާރުވީ އެވެ. ޗައިނާއިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފު ފެށިގެން ކުރު މުއްދަތެއްގެ ތެރޭގަ އެވެ.
ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި (މެޗުގެ 51 ވަނަ މިނެޓުގައި) ޗައިނާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. ރާއްޖޭގެ ޑިފެންސް ފަހަތުން ލިބުނު ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކުރީ ވަން ޒިމިން އެވެ. އޭގެ ފަސް މިނެޓު ފަހުން ވަން ޒިމިން ވަނީ ޗައިނާއަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މިއަދުގެ މެޗަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި 7 ވަނަ މެޗެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ކުރިހޯދާފައިވަނީ ޗައިނާއިންނެވެ. މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ދެން ނުކުންނާނީ ކިރްގިސްތާންގެ ބިޝްކެކްގައި ކިރްގިސްތާނާ ދެކޮޅަށެވެ. އަދި އެއަށްފަހު ރާއްޖެއިން ލެބަނަންއާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. ޗައިނާއިން މި ބްރޭކުގައި ދެން ނުކުންނާނީ ނިއުޒީލެންޑް، ފަލަސްތީން އަދި ތަޖިކިސްތާނާ ދެކޮޅަށެވެ.



