twitterviber whatsapp telegramfacebookyoutube instagram
2nd November 2026

ހިޔާލު ބަދަލުކޮށްލަން ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީއާއެކު ކޮފީއަށް

ނަބީލާ އިސްމާޢީލް
Nov 2, 2026

ކުޅުދުއްފުށީގެ އަންހެނުންނަށް ހާއްސަކޮށް، އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ކޮފީ ވިތް ޑަބްލިއުޑީސީ" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އަންހެނުން ކޮމެޓީގެ ރައީސް އާމިނަތު އިބްރާހީމް ވިދާޅުވީ މި އިވެންޓުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އަންހެނުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކޮށް، ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު، އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

މީގެ އިތުރުން، ވަޒީފާގެ ބުރަކަމާއި ގޭތެރޭގެ މަސައްކަތްތަކުގެ މާހައުލާ ކުޑަކޮށް ދުރަށްޖެހިލައި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއެކު ހިތްހަމަޖެހޭ އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި އިވެންޓުގެ މުހިންމު އަމާޒެކެވެ.

ތަފާތު މަޖާ އެކި ކަހަލަ ގޭމްތަކާއެކު ޝައުގުވެރި މާހައުލެއްގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:30 އިން 22:30 އަށެވެ. މި ބައްދަލުވުން ބާއްވާނެ ވަކި ތަނެއް ހަމަޖައްސައި އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ފަހުން ހިއްސާކުރެވޭނެ ކަމަށް އެ ކޮމިޓީން މައުލޫމާތު ދެއެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 05 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މި އިވެންޓް އިތުރަށް ފުރިހަމަކޮށް، ބައިވެރިންނަށް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލައިސެންސް ލިބިފައިވާ ކައުންސެލަރެއް އަދި އިންޓަނޭޝަނަލް ކައުންސެލިންގ ފެޑެރޭޝަން (އައިސީއެފް) ގެ ކޯޗެއް ކަމަށްވާ ޝަހުމާ މުހައްމަދުގެ އަގުހުރި ބަސްކޮޅެއް ވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުމަކީ ކުޅުދުއްފުށީގެ އަންހެނުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކޮށް، ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293