ރެއާލް މެޑްރިޑްގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާއާއި ލޫކަ މޮޑްރިޗް އަދި ޓޮނީ ކްރޫސް ވެސް އަންނަ ސީޒަނުގައި ފެންނާނީ ރެއާލުން ކަމަށް އެޓީމު ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
35 އަހަރުގެ ފްރާންސް ސްޓަރައިކަރު ބެންޒެމާއާއި 37 އަހަރުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު މޮޑްރިޗް ވަނީ ރެއާލާއެކު 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފަސް ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލާފަ އެވެ. އަދި 33 އަހަރުގެ ކްރޫސް ވަނީ 4 ފަހަރު ރެއާލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ގިނަ އަހަރުތަކެއް ކުލަބްގައި ހޭދަކޮށް ގިނަ ކާމިޔާބީތަކެއް މިތިން ކުޅުންތެރިން ހޯދާފައިވާއިރު ރެއާލާއެކު ތިން ކުޅުންތެރިން ވެސް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
އެހެންނަމަވެސް ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް ތިން ކުޅުންތެރިން ވެސް ކުލަބާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ގަބޫލުކުރަނީ ތިން ކުޅުންތެރިން ވެސް ކުލަބުގައި މަޑުކުރާނެ ކަމަށް އެންޗެލޮޓީ ބުނެފައިވެ އެވެ.
ކޯޗު އިތުރަށް ބުނީ ކުޅުންތެރިންނާއި މެދު ގޮތް ނިންމަން ޖެހޭނީ އުމުރަކަށް ބަލާފައި ނޫން ކަމަށާއި ދަނޑުމަތީގައި ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާފައި ކަމަށެވެ. މިސީޒަނުގައި ވެސް ރެއާލްގެ ޓޮޕް ސްކޯރާއަކީ ބެންޒެމާ އެވެ. އޭނާ ވަނީ އެންމެ ފަހުން ކޮޕަ ޑެލްރޭގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހަދާފަ އެވެ.