މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑަށް އަނިޔާވެ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް ބޮޑު އުދަނގުލަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޔުނައިޓެޑްގެ މުހިންމު ފޯވާޑް ރަޝްފޯޑަށް އަނިޔާވުމުން ޔުނައިޓެޑަށް މިވަނީ ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެފަ އެވެ. އަމިއްލަ ދަނޑުގައި ރޭ އެވަޓަން އަތުން 2 - 0 ން ޔުނައިޓެޑް މޮޅުވި މެޗުގެ ފަހުކޮޅު އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ރަޝްފޯޑު ވަނީ ބާލާފަ އެވެ.
މިއީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޔުނައިޓެޑަށް ޖެހުމުގެ ނަތީޖާކަމަށް ޓެން ހާގް ފާހަގަކުރާއިރު އޭނާ ވަނީ ރަޝްފޯޑުގެ އަނިޔާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެންމެފަހުން މިދިޔަ ހަފްތާ އާދިއްތަދުވަހު ކުޅުނު މެޗަށް މިހަފްތާގެ ފިކްސްޗާގައި ހޮނިހިރު ދުވަހު އެޓީމުން މެޗު ކުޅެން ޖެހުމުން ޓީމުގެ ޝެޑިއުލްއާ މެދު ޓެން ހާގް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ބަލާބެލުމަށް ރަޝްފޯޑުގެ އިންޖަރީ ސީރިއަސްކަމަށާއި ވާގޮތަށް ބަލަން ޖެހޭނީ މަޑުކުރަން ކަމަށް ޓެން ހާގް ބުންޏެވެ. އަދި ސައިންސާއި ރިސާޗްތަކުން ވެސް ކުޅުންތެރިން ރިކަވާވުމަށް ވަގުތު ބޭނުންވާކަން އެނގޭ ކަމަށާއި އެހެންވުމުން ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން މިފަދަ އަނިޔާތައް ވުމުގެ ފުރުސަތު ބޮޑުވާކަން ވެސް އޭނާ ފާހަގަކުރި އެވެ.
ޔުނައިޓެޑުން އަންނަ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ސެވިއްޔާއާ ދެކޮޅަށް ނުކުންނަ މެޗަށް ރަޝްފޯޑު ފިޓްވާނެ ކަމުގެ ޔަގީންކަމެއް ނެތްއިރު މިއީ އެޓީމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ރަޝްފޯޑަކީ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ވަރަށް މުހިންމު ކުޅުންތެރިޔެކެވެ.