ވ. އާރަށުގެ މައްސަލާގައި ހިޔާނާތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ، ކުރީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލުން މިނިވަންވެވަޑައިގެން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ޗާގޯސް ދިވެހިންނަށް އަނބުރާ ހޯއްދަވައިދެއްވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ ނަމުގައި އިދިކޮޅުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު، ޗާގޯސް "ގެއްލުމަކީ" ސަރުކާރުން ދިވެހިންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެއީ ދިވެހިންގެ ތަނެއް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ވެރިކަމުގައި ޗާގޯސް ދިވެހިންނަށް އަނބުރާ ހޯއްދަވައިދެއްވާނެކަމަށެވެ.
"މިއަދު އަޅުގަނޑު ހިތާމަކުރަނީ ގައުމު މި ހާލަތަށް އައިރު. މި އަނދަވަޅަށް ދިވެހި ގައުމު ވެއްޓުނުއިރު، މި ކަންބޮޑުވުން ފާޅުކުރަން އަޅުގަނޑުމެން ނުކުމެ ތިބިއިރު، އަޅުގަނޑުމެންގެ ރައީސް ޔާމީން މި އަނިޔާވެރި ނުލަފާ ނުބައި، ޖައްބާރު ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، ފުރަ ގޭގައި ހުންނެވުން،" އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންޒީކުރަމުންދާއިރު އެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރައްވައިފަ އެވެ. އެ ހުކުމްގެ އިސްތިއުނާފުގެ މަރުހަލާ މިހާރު ކޯޓުގައި ކުރިއަށް ދެ އެވެ.