twitterviber whatsapp telegramfacebookyoutube instagram
28th April 2024

18 އަހަރަށްފަހު ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަނީ

މުޙައްމަދު އަހުމަދު
May 10, 2023

18 އަހަރަށްފަހު މިސީޒަން ނިމުމާއެކު ބާސާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެކުލަބު ދޫކޮށްލާނެކަމުގެ ޔަގީންކަން އޭނާ ދީފަި އެވެ.

ކުރީގެ ސްޕެއިން ގައުމީ ޓީމުގެ 34 އަހަރުގެ މިޑްފީލްޑަރު ވަނީ ބާސެލޯނާއަށް ޖުމްލަ 718 މެޗު މިހާރަނަށް ކުޅެދީފަ އެވެ. މިއީ ކުލަބްގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ބާސާއާއެކު ބުސްކެޓްސް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 8 ލަލީގާއާއި 7 ކޮޕަ ޑެލްރޭ، 7 ސްޕެނިޝް ސުޕަ ކަޕް، 3 ޔޫއެފާ ސުޕަ ކަޕް، 3 ފީފާ ކުލަބް ވޯލްޑްކަޕް އަދި 3 ޗެމްޕިއަންސް ލީގުގެ ތަށި ހިމެނެ އެވެ.

"މިއީ ފަސޭހަ ނިންމުމަކަށް ނުވި ނަމަވެސް އަހަރެންނަށް ހީވަނީ މިހާރު މިއޮތީ ވަގުތު އައިސްޖެހިފައި ހެން." ބުސްކެޓްސް ބުންޏެވެ.

ބާސާއެކު މިކުރެވުނީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ވަރުގެ ދަތުރެއް ކަމަށާއި އޭނާގެ އަބަދުވެސް ދެކުނު އެންމެ ބޮޑު ހުވަފެނަކީ ބާސާގައި އެޖޯޒީއާއި އެދަނޑުގައި ކުޅުން ކަމަށެވެ. އަދި އެހުރިހާ ހުވަފެނެއް ހަގީގަތަކަށް ވެފައިވާކަން ބުސްކެޓްސް ފާހަގަކުރެ އެވެ.

އެތައް އަހަރެއް ވަންދެން މި ބެޖު ދައްކާ ދިފާއުކޮށް ހެދުމަށް ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި މި ދަތުރު ވެގެން މިދިޔައީ ފަހުރަކަށް ކަމަށް ކުލަބުގެ ލެޖެންޑް ފާހަގަކުރެ އެވެ.

ބުސްކެޓްސް ބާސާއާއި ގުޅުނީ 2005 ވަނަ އަހަރު ޔޫތް ޕްލޭޔަރެއްގެ ގޮތުގަ އެވެ. ބާސާގެ ބީ ސައިޑަށް ކުރިއެރުން ލިބުނުއިރު އޭނާ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެދިނީ ކޯޗު ޕެޕް ގާޑިއޯލާގެ ދަށުން ލަލީގާއި 2008 ވަނަ ރޭސިން ސެންޓެންޑާއާ ދެކޮޅަށް ކުލުނު މެޗުންނެވެ.

ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ބުސްކެޓްސްގެ ބާސާގެ ކެރިއަރު ނިމެންދާއިރު އޭނާގެ އަމާޒު ހުރީ 9 ލީގު ތައްޓާއެކު ބާސާއަށް ސީޒަން ނިންމާލަ ދިނުމެވެ. ޒަވީގެ ބާސާ މިވަގުތު އޮތީ ބާކީ 5 މެޗު އޮއްވާ 13 ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެންމެ އުހުގަ އެވެ.

ބުސްކެޓްސް 15 އަހަރު ދުވަސް ސީނިއާ ޓީމުގައި ހޭދަކުރިއިރު އޭނާ ވަނީ އެޓީމަށް 18 ގޯލު ޖަހައިދީ 40 އެސިސްޓްކޮށްދީފަ އެވެ. ކޭމްޕް ނޯ ދޫކޮށްފާ ދާވާހަކަ ބުސްކެޓްސް އިއުލާން ކުރުމުން ބާސާއިން އޭނާ ސިފަކުރީ އެކުލަބު ރަމްޒުކޮށްދިން އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ކުރީގެ ސްޕެއިން ކެޕްޓަން ބުސްކެޓްސް ވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355