ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމްގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ކްރިމިނަލް ކޯޓަށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާތީ އެއީ ގާނޫނުއަސާސީގައި ބުނާ ޝަރުތެއް ގެއްލުން ކަމަށެވެ.
މީގެ އިތުރުން ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމާއެކު ދައްކަން ހުކުމްކޮށްފައިވާ ފަސް މިލިއަން ޑޮލަރު -- 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވާކަން އެނގެން އޮތް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ހުކުމަކާ އެކު އެގޮތަށް ދައްކަން އަންގާ ފައިސާ ނުދައްކާ އޮތް ނަމަ އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި މާނަކޮށްފައިވެ އެވެ. އިންތިހާބުގައި ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮތް ނަމަ އެމީހަކު ޝަރުތު ފުރިހަމަ ނުވާނެ ކަމަށް ގާނޫނުއަސާސީގެ 109 މާއްދާގައިވެ އެެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ނިންމުމުގައި ހުރިހާ ފަނޑިޔާރުންވެސް ތާއީދުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.