twitterviber whatsapp telegramfacebookyoutube instagram
29th April 2026

ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

Apr 29, 2026

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ގާނޫނުއަސާސީއަށް ގެނައި އެ ބަދަލަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ބަލައިގަނެ ކުރިއަށްގެންދަން ނިންމި މި މައްސަލައަށް އިދިކޮޅު އެމްޑީޕީންނާއި ޑިމޮކްރެޓްސް އިން ވެސް ވަނީ ތަދައްހުލްވެފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ލިބިގެންވާ، ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް އޮތް މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ތެރޭގައި ނިންމާލާފައިވާއިރު، އަލީ ހުސައިންގެ ފަރާތުން ހުށަހެޅި ވަގުތީ ދެ އަމުރެއް ނެރެދެވެން ނެތް ކަމަށް ވެސް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. އެއީ ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުން އެއްވެސް މެންބަރަކު ވަކިކުރުމުގެ އިޖުރާއަތެއް ނުހިންގުމުގެ އަމުރަކާއި، ކޯޓުން މި މައްސަލާގައި ގޮތެއް ނިންމަންދެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރެކެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ މި މައްސަލައަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ކަނޑައެޅިފައިވާ މުހިންމު އުސޫލުތަކަކާ ގުޅުންހުރި މައްސަލައެއްކަން ފާހަގަކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355