twitterviber whatsapp telegramfacebookyoutube instagram
12th November 2025

ހދ އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށީ ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
Nov 12, 2025

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025-26 ގެ ހދ އަތޮޅު ބުރުގެ ފައިނަލުގައި ހަނިމާދޫގެ މައްޗަށް ކުރިހޯދާ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފި އެވެ

އިއްޔެ ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު އަތޮޅު ބުރުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި ބައްދަލުކުރިއިރު މިމެޗު 3 - 1 ން ކާމިޔާބުކޮށް އަތޮޅު ބުރުގެ ތަށި ހިއްލާލީ ޓީމް ކުޅުދުއްފުށިންނެވެ

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑު ނެގީ ކުޅުދުއްފުށިންނެވެ. މެޗުގެ ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 15 މުހައްމަދު މުންސިފް އެވެ

މުންސިފްގެ ލަނޑާއެކު ހަނިމާދޫއިން ކުޅުން އިތުރަށް ރަނގަޅުކުރި ނަމަވެސް ފުރަތަަމަ ހާފު ކުޅުދުއްފުށިން ވަނީ ހަނިމާދޫ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފަ އެވެ

ފޯރިގަދަ ފައިނަލް މެޗުގެ ދެވަނަ ހާފަށް ދެޓީމުން ވެސް އިތުރަށް ކުޅުން ވަރުގަދަކޮށްގެން ނުކުތްއިރު މިހާފުގައި ވެސް ކުޅުދުއްފުށި ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މިހާފު ވެސް ފެށިގެން މާގިނަ އިރުތަކެއް ނުވެ 58 ވަނަ މިނެޓުގައި މުހައްމަދު ޝިފާންގެ ގޯލަކުން ކުޅުދުއްފުށިން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ

އެހެންނަމަވެސް މިލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ ހަނިމާދޫގެ އަލީ ހުސައިން (ދަގަނޑޭ) ވަނީ ލަނޑެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށް ޓީމަށް ދިރުން ގެނެސް ދީފަ އެވެ

މިލަނޑަށް ފަހު ހަނިމާދޫއިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޒައިދު މުޙައްމަދު ޖަހައިދިން ލަނޑާއެކު ކުޅުދުއްފުށިން މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރި އެވެ.

މިމޮޅާއެކު އަތޮޅު ބުރުގެ ތަށި ކުޅުދުއްފުށިން އުފުލާލިއިރު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ ޖާޒީ ނަންބަރު 15 މުހައްމަދު މުންސިފް އެވެ

އަތޮޅު ބުރުގެ ހާއްސަ ވަނަތަކަށް ބަލައިލާއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޅުދުއްފުށީ ޓީމުގެ ޖާޒީ ނަންބަރު 11 މުހައްމަދު ޝިފާން އެވެ. މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ކާމިޔާބުކުރީ މުހައްމަދު ޝިފާން އެވެ. އޭނާގެ ފަރާތުން މިމުބާރާތުގައި މޮޅު ތަފާތު ކުޅުމެއް ފެނިގެންދިޔައިރު ކުޅުދުއްފުށިން އަތޮޅު ބުރުގެ ތަށި ހިއްލާލުމުގައި ޝިފާން ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355