ޓޫރިޒަމަށް ބަރޯސާ ރާއްޖެއަށް އަންނަ ކޮންމެ ސަރުކާރެއްގެ މޫނުމަތީގައި ޖެހިފައި އޮންނަ އެންމެ ބޮޑު ލައްގަނޑަކީ ހދ. ނާގޯށި ނުހުވުމެވެ. ސަރުކާރުގެ ކުންފުންޏަކުން ރިސޯޓެއް ހަދަން މިހާތަނަށް ފެށި އެންމެ އުންމީދީ މަޝްހޫރު ކުރިއަށް ނުގޮސް ގަލަށް ވެފައި އޮތުމެވެ. އެހެންވެ ހަދަމުންދާތާ 19 އަހަރުވެފައިވާ މި ރިސޯޓު ނުހުޅުވުމެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔައަހަރުގެ އޮގަސްޓްމަހު އެއަތޮޅު ނައިވާދޫއަށް ވަޑައިގެން ވާހަކަ ދައްކަމުން މި ރިސޯޓް ހުޅުވައި ހދ. އަށް ޓޫރިޒަމް ގެންނާނެކަމުގެ ވައުދުވެފަ އެވެ. މިއާއެކު ނާގޯށި ހަދަމުން ދިޔަ އެމްޓީޑީސީއަށް ބީއެމްއެލްއިން ދިން ފައިނޭންސިލް ފެސިލިޓީއަކާއެކު އެ ރަށް ހަދަން ފެށި އެވެ. މަޑުދުވެލީގައިނަމަވެސް ގަލަކަށްފަހު ގަލެއް ބާއްވަމުން މިވަނީ ރަށް ނިމުމާ ގާތްވެއްފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްޑީޓީސީގެ އެމްޑީ އަޙުމަދު ނިޔާޒު ވިދާޅުވީ ނާގޯށި މަސައްކަތް ލަސްތަކެއްވުމަށްފަހު މިހާރު ހަލުވިކޮށް ދަނީ ކުރިއަށެވެ.
އަޅުގަނޑުމެން އޭރު އުންމީދުކުރި ވަރަށްވުރެ ގިނަ ވަގުތު ޕްލޭނިންގެ މަސައްކަތްތަކަށް ހިނގައްޖެ. އެއާއެކު އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ފެށިގެންދިޔައީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި،" ނިޔާޒު ވިދާޅުވި އެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އަށް ސަރުކާރުން ދިނީ ޑިސެމްބަރު 5، 2007 ގައެވެ. އެމްޓީޑީސީން އެ ރަށް ތަރައްގީ ކުރަން ހަވާލުކުރި ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލާ އެވެ. ރިސޯޓު ހިންގައި ހުޅުވަން ވައުދުވީ 2012 އިގައެވެ. އެ ރަށް ހަދައިން ހުޅުވަން އެމެރިކާގެ ރެޑިޝަން ކުންފުނިން ވެސް މަސަކަތް ކުރި އެވެ. އޭރު އެ ރަށަކީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އަގު ބޮޑު އިންވެސްޓްމަންޓެވެ. ރެޑިސަން ކުންފުންޏާ "އަތުގުޅާލައިގެން" ނާގޯށި 2015 ވަނަ އަހަރު ހުޅުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ރިސޯޓު ހުޅުވޭ ގޮތެއް ނުވި އެވެ. އެހެންވެ އެންމެ ފަހުން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޓީޑީސީއަށް ނުވިކަމަށް ބަލައި ރަށް އަތުލީ އެވެ. އެ ރަށް އެމްޓީޑީސީއަށް އަލުން ދިނީ މި ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނަވައިގެނެވެ.
ނާގޯށި ރިސޯޓުގެ މަސައްކަތް ހުއްޓުމަކަށް އައުމާ ހަމަށް ރަޝިޔާ ކުންފުނިން ވަނީ އއެ ރަށުގައި ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. ބައެއް އިމާރާތްތައް އަޅާއި، ޖެޓީގެ ބައެއް ހަދައި ބައެއް ސާމާނު ވެސް ހުރީ އެ ރަށަށް ގެންގޮސްފަ އެވެ. އެކަމަކު ރަަށް ނުބެލެހެއްޓުމުގެ ނަތީޖާއަކީ "އެއް ވަގު އަނެއް ވަގަށް" އެ ރަށުގައި ހުރި މުދަލާއި ތަކެތި "ލޫޓުވާލައިގެން" ގެންދިޔީ އެވެ.
މިހާރު މި ރަށުން ފެންނާން ހުރީ 15 އަހަރުގެ ދިގު މާޒީއެއް އޮތް އިމާރާތްތަކެއް އެކަންޏެވެ. ކުރިން ނާގޯށި ތަރައްގީ ކުރަމުން ގެންދިޔައީ 500 ކޮޓަރި ހުންނާނެ ގޮތަށެވެ. ނަމަވެސް މި ފަހުން އެމްޓީޑީސީން ވަނީ އެ ރިސޯޓުގައި 1670 އެނދު ނުވަތަ 835 ކޮޓަރި ހުންނަ ގޮތަށް ބަދަލު ގެނެސްފަ އެވެ. އޭގެފަހުން މިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ތަޒްމީލް އަބްދުއްސަމަދު ވެސް ވަނީ ނާގޯށި ހުޅުވުމުގެ ތަފާތު "ފޮނި ހުވެފެން" ދައްކާފަ އެވެ.
ތަޒްމީލްގެ ޒައާމަތުގައި އެންމެފަހުން ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި ދުބާއީގެ ރޯ ގަލަދާރީ ގުޅިގެން ނާގޯށި ތަރައްގީ ކުރަން ފަށަން ވަނީ ނިންމާފަ އެވެ. އޭގެ ކުރީގައި ވެސް އެމްޓީޑީސީން ގަލަދާރީއާ ވާހަކަ ދައްކާކަމުގެ އަޑުތައް އޮތެވެ. އެ އާއްމު ޖަލްސާގައި ތަޒްމީލް ވިދާޅުވި ގޮތުގައި ނާގޯށީގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.
އެ ފަހަރު އެމްޓީޑީސީން ނާގޯށި ތަރައްގީ ކުރަނީ ރޯ ގަލަދާރީއާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެނެވެ. މިިއީ އެމްޓީޑީސީގެ ތާރީހުގައި ވެސް މިގޮތަށް މަޝްރޫއެއް ކުރި އަށް ގެންދާ ފުރަތަމަ ފަހަރެވެ. އަދި އެފަދަ ފުރަތަމަ ތަޖުރިބާ އެވެ.
ބޮޑު ބިޔަ ނާގޯށީގެ އިންވެސްޓްމަންޓަށް މި ފަހަރު 300 އާއި 400 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އެމްޓީޑީސީން އިން ވަނީ އަންދާޒާ ކޮށްފަ އެވެ. އެ ރަށް ނިންމަން މަދުވެގެން ތިން އަހަރު ނަގާނެ އެވެ.
ނާގޯށި ހަދަން ހަވާލުވާ ރޯ ގަލަދާރީ ކުންފުންޏަށެވެ. ރޯ ގަލަދާރީ / ގަލަދާރީ ހޯލްޑިން އަކީ ދުބާއީގައި ވަރަށް މަޝްހޫރު ނަމެކެވެ. ހައުސް ހޯލްޑް ނަމެކެވެ. ފަހުރުވެރި ތާރީހެއް އޮތް، ދެމިގެން ގޮސްފައިވާ 100 އަހަރުގެ ދިގު ތާރީހެއްގެ އާއިލީ ވިޔަފާރިއެކެވެ. ރޯ ގަލަދާރީ ކުންފުނި ދުބާއީގައި އުފެދިފައި ވަނީ 1960 ގެ އަހަރުތަކުގަ ކުރީކޮޅު އެވެ. ދުބާއީގެ މަޝްހޫރު ގަލަދާރީ އާއިލާއަށް ނިސްބަތްވާ މި ކުންފުންޏަކީ މި ފަދަ މަޝްރޫއެއް ކުރިއަށް ގެންދެވިދާނެ ގާބިލްކަން ހުރި ކުންފުންޏެއްކަން ތާރީހު ހެކިދެ އެވެ. އެ ކުންފުންޏަކީ ދުބާއީގެ ފުރަތަމަ ފަަސް ތަރީގެ ހޮޓާ، މިހާރު ރެޑިސަން ބްލޫ ދުބާއީ ޑެއިރާ ކްރީކް ހިންގާ ކުންފުންޏެވެ. މީގެ އިތުރުން ވެސް ހޮސްޕިޓާލިޓީ ދާއިރާގައި އެ ކުންފުނި އުހެވެ.
މިއީ ދުބާއީގެ އެއްވަނަ އިނގިރޭސި ނޫސް ހަލީޖު ޓައިމްސް ނެރެނީ ގަލަދާރީންނެވެ. ދުބާއީގައި ފުރަތަމަ އައިސް ކްރީމް ވިޔަފާރި ފެށި ކުންފުންޏަކީ ވެސް ގަލަދާރީ އެވެ. މީގެ އިތުރުން އެ ގްރޫޕަކީ ރީޓެއިލް ވިޔަފާރި އާއި ކާރު އުފެއްދުމާއި ސިނާއީ ސާމާނާއި ހިދުމަތާއި އިންޖިނިއަރިން އަދި އިމާރާތް ކުރުމުގެ ސާމާނު އުފައްދާ 15 އަށް ވުރެ ގިނަ ސަބްސިޑަރީ މެދުއިރުމައްޗާއި އޭޝިއާ އަދި އޮސްޓްރޭލިއާގައި ހިންގާ ކުންފުންޏެވެ. މި ވިޔަފާރި ކުރުމަށްޓަކައި 30 އަށް ވުރެ ގިނަ ދުނިޔޭގެ ބްރޭންޑްގެ ލައިސަންސް މި ކުންފުނިން ވަނީ ދޫކޮށްފަ އެވެ. އެހެންވެ ތާރީހުން ބަލާއިރު އެ ކުންފުންޏާމެދު އޭރުވެސް ސުވާލެއް ނެތެވެ. ނަމަވެސް އެކަމެއް އެއް ކުންފުންޏަކަށްނުވި އެވެ.
އޭގެ ބަދަލުގައި އަމަލީ ރަނގަޅު މަސައްކަތްތަކެއް ފެނިގެންދަނީ މިހާރު އެވެ.
ނާގޯށީގެ މަސައްކަތުގެ އަޕްޑޭޓް ދެއްވަމުން މިހާރުގެ އެމްޑީ ނިޔާޒު ވިދާޅުވީ މިހާރު ކުރަނީ ރަށަށް ބޭނުންވާ މެޓީރިއަލްސް ގެންދިއުމުގެ މަސައްކަތެ އެވެ. މިއާއެކު ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދެ އެވެ. އަދި މަސައްކަތްކުރާ މީހުން ތިބުމަށް ބޭނުންވާ ވަގުތީ ވަސީލަތްތަކާއި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަން ނިޔާޒު ފާހަގަ ކުރެއްވި އެވެ.
މި މަަސައްކަތުގައި ހދ. އަތޮޅު އޮތީ އެމްޓީޑީސީއާއެކު އަތް ގުޅާލައިގެންކަން ނިޔާޒު ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް އޭނާ ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފަ އެވެ.
"މި މަސައްކަތް ރާވާފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއް ނެތި އަދި އެއްވެސް ފަސްޖެހުމެއް ނެތި މިރަށް ހަމަ ތަރައްޤީކޮށް ނިންމާލާފަ އަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ މި ރިސޯޓު ތަރައްޤީކުރުމުގެ ހުރިހާ ކަންކަމެއް އަޅުގަނޑުމެން ކުރާނެކަމުގެ ޔަގީންކަން ދެން." ޕީއެސްއެމްގައި ނިޔާޒު ވިދާޅުވި އެވެ. އަދި މި ރިސޯޓް ހިންގާނީ އެކަމުގެ ގާބިލްކަމާއި ތަޖުރިބާހުރި ފަރާތްތަކުންކަން ނިޒާމު ފާހަގަ ކުރެއްވި އެވެ.
މި ރަށުން ފެންނަން ހުރީ 19 އަހަރުގެ ދިގު މާޒީއެކެވެ. ކުރީގެ ޕްލޭނަކީ 500 ކޮޓަރި ހެދުމެވެ. ނަމަވެސް ބަދަލުތަކާއެކު އެމްޓީޑީސީން ވަނީ އެ ރިސޯޓުގައި 1670 އެނދު ނުވަތަ 835 ކޮޓަރިއަށް ބަދަލުކޮށްފަ އެވެ. މިއީ މުޅި ހދ.އަށް އުންމީދެކެވެ. ނާގޯއްޓާއެކު އެތައް ވަޒީފާއެއް އުފެދި މުޅި ހދ. އަށް ދިރުން ލިބޭނެ އެވެ.