ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމާއި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (AFA) އާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ (ފީފާ) އިން ރަސްމީކޮށް ވަރުގަދަ ޑިސިޕްލިނަރީ މައްސަލަތަކެއް ބަލަން ފަށައިފި އެވެ.
މިއީ ސެމީ ފައިނަލް މެޗަށްފަހު އާޖެންޓީނާ ކުޅުންތެރިން ސިޔާސީ ބެނާއެއް އުފުލި މައްސަލައާއި، ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު ދަނޑުމަތީގައި ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިންެ ނެރުނު ފިޔަވަޅުތަކެކެވެ. ފީފާގެ އެތިކްސް އަދި ޑިސިޕްލިނަރީ ކޮމިޓީން ވަނީ އާޖެންޓީނާގެ މުހިންމު ކުޅުންތެރިންތަކަކަށާއި ކޯޗިންގ ސްޓާފުންނަށް ބޮޑެތި އިދާރީ ތުހުމަތުތަކެއް (Formal Charges) އަމާޒުކޮށްފަ އެވެ.
އެޓްލާންޓާގައި ކުޅުނު ސެމީ ފައިނަލް މެޗުން އިނގިރޭސިވިލާތް (އިންގްލަންޑް) 2-1 އިން ބަލިކުރުމަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ވަނީ "Las Malvinas son Argentinas" (މާލްވިނާސް / ފޯކްލޭންޑްސް އަކީ އާޖެންޓީނާގެ ތަނެއް) ލިޔެފައިވާ ބޮޑު ބެނާއެއް ދަނޑުމަތީގައި ހިފައިގެން އުފާފާޅު ކޮށްފަ އެވެ.
1982 ވަނަ އަހަރު އާޖެންޓީނާއާއި އިނގިރޭސިވިލާތާ ދެމެދު ހިނގި 10 ހަފްތާގެ ހަނގުރާމައަށްފަހު އިނގިރޭސީންގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑް ޖަޒީރާތަކުގެ ސިޔާސީ މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި އަދިވެސް އޮތް ބޮޑު ހިޔާލު ތަފާތުވުމެކެވެ. އިނގިރޭސި ސަރުކާރުގެ އިސްވެރިންގެ އެދުމުގެ މަތިން ފީފާއިން ބަލަން ފެށި މައްސަލައިގައި ބުނެފައިވަނީ، "ކުޅިވަރުގެ ހަރަކާތްތައް ސިޔާސީ މަގުސަދުތަކަށް ބޭނުންކުރުމަކީ" ފީފާގެ ސުލޫކުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި ސިކުންތުކޮޅުގެ ތެރޭގައި ދަނޑުމަތީގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގާފަ އެވެ. މެޗު ނިމުމުގެ ކުޅިވަރުގެ ރޫޙާ ހިލާފަށް، ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފީފާއިން ވަނީ އަންނަނިވި ފަރާތްތަކާ ދެކޮޅަށް މައްސަލަ އުފުލާފަ އެވެ:
* ލެއާންޑްރޯ ޕަރޭޑޭސް: ސްޕެއިންގެ އެރިކް ގާސިއާގެ ކަނދުރާގައި ހިފައި ކޮއްޕާލުމާއި، ގާވީ ބިންމައްޗަށް ވައްޓާލި މައްސަލައިގައި 3 ހަމަލާދިނުމުގެ (assault) ތުހުމަތު.
* ނަހުއެލް މޮލީނާ : އުފާކުރަން ދުވި ސްޕެއިންގެ ކެޕްޓަން ރޮޑްރީއަށް ހަމަލާދޭން އުޅުމުގެ އަދި ހަމަލާދިނުމުގެ ތުހުމަތާއި ކުޅިވަރުގެ ރޫހާ ހިލާފުވުމުގެ މައްސަލަ.
* ރޮބާޓޯ އަޔާލާ: އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު، ސްޕެއިންގެ ޑެނި އޮލްމޯގެ މޫނުމަތީގައި އެތިފަހަރަކުން ޖަހަން އުޅުނު ކަމުގެ ތުހުމަތު.
* ތިއާގޯ އަލްމާޑާ އާއި ގާވީ: ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ހިންގުމުގެ މައްސަލަ.
މީގެ އިތުރުންވެސް، މުޅި މުބާރާތުގެ ތެރޭގައި އާޖެންޓީނާގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ނޭދެވޭ ކަންތައްތަކަކަށް ފީފާއިން ވަނީ ފިޔަވަޅު އަޅަން ނިންމާފަ އެވެ. މީގެ ތެރޭގައި ސަޕޯޓަރުން ނަސްލީ ގޮތުންނާއި އިހާނެތިކޮށް ކުރި ސިއާރުތަކާއި، ދަނޑުމައްޗަށް އުއްކި ތަކެއްޗާއި، ސެކިއުރިޓީ ޕްރޮޓޮކޯލްތަކަށް އިހްތިރާމް ނުކުރުން ހިމެނެ އެވެ.
"ފީފާގެ ޑިސިޕްލިނަރީ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން، ތުހުމަތު ކުރެވޭ އެންމެހާ ފަރާތްތަކަށް އެމީހުންގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު މިހާރު ވަނީ ދެވިފަ އެވެ. އެއަށްފަހު، ކޮމިޓީން ވަގުތުޖެހުމުން އެންމެ ފަހުގެ ނިންމުން އިއުލާނުކުރާނެ އެވެ." މި މައްސަލަތަކާ ގުޅިގެން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެ އެވެ.
މާހިރުން ލަފާކުރާ ގޮތުގައި، މި ސީރިއަސް ތުހުމަތުތައް ސާބިތުވެއްޖެނަމަ، ޕަރެޑޭސް އަދި މޮލީނާއަށް ގައުމީ ޓީމުގެ ކުރިއަށްހުރި މެޗުތަކުން ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އަދި އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނަށް (AFA) ބޮޑު މާލީ ޖޫރިމަނާއެއް ކުރިމަތިވާނެ އެވެ.




