ނޮޅިވަރަންފަރުގައި ކުރިއަށްދިޔަ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ހާދާލު އަތޮޅު ބުރުގެ ފައިނަލް މެޗުގައި، މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އައި އަދި އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްގެން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންގެ މަގާމުގައި އޮތް ނައިވާދޫ ބަލިކޮށް، ހަނިމާދޫއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗު ހަނިމާދޫއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފައިނަލްގައި ހަނިމާދޫގެ ގޯލްކީޕަރު ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ) ވަނީ ވަރަށް އާދާޔާހިލާފު މޮޅު ކުޅުމެއް ދައްކައި، ނައިވާދޫގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށް ފައެވެ. ކީޕަރު ޢަބްދުﷲގެ މި ސޭވްތަކާއެކު ހަނިމާދޫ ޓީމަށް ނަތީޖާ ހިފެހެއްޓުމުގައި ބޮޑު ހިތްވަރެއް ލިބިގެންދިޔައިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (މޭން އޮފް ދަ މެޗު) ވެސް ހައްގުގޮތުގައި ހޯދާފައިވަނީ ހަނިމާދޫގެ ކީޕަރު ޢަބްދުﷲ މުހައްމަދެވެ.
މުޅި މުބާރާތުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ރީތި ކުޅުމެއް ފެނިގެންދިޔައިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަނިމާދޫ ޓީމުގެ ނޫރުﷲ ތޯހާ އެވެ. މީގެއިތުރުން މުބާރާތުގެ އަތޮޅު ބުރުގައި ކޮންމެ ކުޅުންތެރިއަކު 5 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ މަގާމު ހަނިމާދޫގެ ނޫރުﷲ ތޯހާގެ އިތުރުން ނައިވާދޫގެ ޢަބްދުﷲ ވިސާމް އަދި ނައިވާދޫގެ މުޙައްމަދު ޝާއިން ވަނީ ގުޅިގެން ހޯދާފަ އެވެ.
މުބާރާތުގެ އަހްލާގީ ގޮތުން އެންމެ ރަނގަޅު ކުޅުންތެރިޔާ ނުވަތަ ފެއަރ ޕްލޭ ޕްލޭޔަރގެ މަގާމު ނައިވާދޫގެ ޢަބްދުﷲ ވިސާމް ހޯދިއިރު، މުޅި މުބާރާތުން އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު (މޯސްޓް ޕްރޮމިސިންގ ޕްލޭޔަރ) ހޯދާފައިވަނީ މުބާރާތް ބޭއްވި ނޮޅިވަރަންފަރު ޓީމުގެ މުޙައްމަދު ސާމިހް އެވެ. މި މުބާރާތުގެ ރަންނަރ-އަޕް ޓީމަކީ ނައިވާދޫ އެވެ.
މި މުބާރާތަކީ ކްލަބް މޯލްޑިވްސްއާއި އެފްއޭއެމް ގުޅިގެން އަތޮޅުތެރޭގެ ރަށްރަށުގައި ފުޓްސަލްގެ ހުނަރު އިތުރަށް އާލާކޮށް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.




