ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ވެސް 1،273 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި އެ ހުރިހާ މަޝްރޫއެއް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ހިނގަމުންދާ މަސައްކަތްތައް، އެ ދާއިރާއެއްގެ މިނިސްޓަރެއްގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.
"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސަރުކާރުން އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ފައިސާގެ ދަތިކަމެއް ނާންނާނެ ގޮތަށް ބަލައިގެން ކަމަށެވެ.
އެގޮތުން، މިވަގުތުވެސް 1,273 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ސަރުކާރުން އަދާކުރަންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ފުރިހަމަކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




