ކުޅުދުއްފުށީ “ހިރަފުސް ދަނޑުން” އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހިރަފުސް ކަޕް އިއްޔެ ފެށިއްޖެ އެވެ.
ހިރަފުސް ކަޕް މިއަހަރުގެ މުބާރާތުގައި 4 ޓީމެއް ވާދަކުރެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމު ފައިނަލަށް ދާގޮތަށް ކުޅޭ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރު ހިރަފުސް ކަޕްގައި ކުޅެނީ 11 މީހުން ކޮޅަކަށް އަރައިގެން ކުޅޭ ރަސްމީ ފުޓްބޯޅަ އެވެ. މިދިޔަ އަހަރު ހިރަފުސް ކަޕްގައި ކުޅެފައިވަނީ ފުޓްސަލް އެވެ. އޭގެ ކުރިން ފައިވް އަ ސައިޑް ފުޓްބޯޅަ ވެސް ކުޅެފައި ވެއެވެ.
“ވަރަށް ދުވަސްވެއްޖެ ބޮޑު މުބާރާތެއް ނުކުޅެވޭތާ. އެހެންވެ މިފަހަރު އެކުދިންނަށް ބޮޑު މުބާރާތެއް ކުޅުމުގެ ފުރުޞަތު ދޭން ވެގެން މިގޮތަށް މިބަދަލުކުރީ” މުބާރާތަށް ގެނެވެނު ބަދަލާބެހޭ ގޮތުން “ހިރަފުސް ދަނޑުގެ” އޮފިޝަލެއް ކަމަށްވާ މުހައްމަދު ހަސަން (ޕޯޓޭ) ވިދާޅުވި އެވެ.
ގިނަ ފަރާތްތަކެއްގެ ސްޕޮންސަރ އާއެކު ބާއްވާ ހިރަފުސް ކަޕްގައި ކުޅެނީ އާންމުކޮށް ހިރަފުސް ދަނޑަށް ކުޅެން ދާ ކުޅުންތެރިންނެވެ. މުބާރާތުގެ މެޗުތަށް ކުޅެނީ ހިރަފުސް ދަނޑުގައި އެވެ.
މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަކަށް ހިރަފުސް ދަނޑުގެ ފަރާތުން ޝުކުރުދަންނަވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.
މިދިޔަ އަހަރު ހިރަފުސް ކަޕް ބާއްވާފައިވަނީ، ކެންސަރަށް ފަރުވާ ހޯދަމުންއައި ކުޅުދުއްފުށީ ކުއްޖަކަށް އެހީވުމުގެ ގޮތުން އޭނައަށް ހާއްސަކޮށްގެން ނެވެ. އެމުބާރާތުން 15000 އަށްވުރެ ގިނަ ރުފިިޔާ އެ އާއިލާއަށް ހަދިޔާ ކޮށްފައި ވެއެވެ.