ފުރަތަމަ ދެ އަހަރު ދައުލަތަށް އެއްވެސް ކުއްޔެއް ނުލިބޭގޮތަށް ހދ އަތޮޅުގެ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަށް ދީފައިވަނީ މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ކަމަށް މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އަންގާރަ ދުވަހު އޮޑިޓަރ ޖެނެރަލް ނެރުއްވި ޚާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މާލިއްޔަތު ޤަވާއިދުގެ 6.05 ގެ (ނ) ގައި ވާގޮތުގެ މަތިން ދައުލަތުގެ ތަނެއް ދޫކުރާނަމަ ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެގްރީމެންޓްގައި ހިމަނައިގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް ހދ. އަތޮޅުގެ ކުއްޔަށް ދިން ފުރަތަމަ ދެ އަހަރު އެއްވެސް އެއްޗެއް ނުލިބޭގޮތަށް އެގްރީމެންޓް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އަތޮޅުގެ ކުއްޔަށް ދީފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވައި އެއޮފީހުން އެގްރީމެންޓަށް ބަދަލު ގެނައުމަށް އެންގެވި ކަންތައްތައް ރަނގަޅުކުރުމަށް ފަހު ކަމަށާއި، އެހެން ނަަމަވެސް އެ އެގްރީމެންޓްގައި 2 އަހަރު ދުވަހަށް އެއްޗެއް ނުލިބޭގޮތަށް އޮތް އޮތުމަށް ބަންޑާރަނައިބުގެ އޮފީހުންވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށް މި ރިޕޯޓުގައި ބުނެއެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަނުން ހދ އަތޮޅުގެ ކުއްޔަށް ދެއްވުމުގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް އަމަލުކުރައްވާފައި ނުވާތީ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ޤާނޫނުގެ 47 އަދި 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓުގައި ލަފާދެއްވާފައި ވެއެވެ.
ކުރީ ސަރުކާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަނުން ހދ އަތޮޅުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަށް 25 އަހަރަށް ކުއްޔަށް ދެއްވާފައިވަނީ ސީމަނުން ތަމްރީނު ކުރެއްވުމަށެވެ. މިހާތަނަށް އެތަނުގައި ސީމަނުންނާ ގުޅޭ ކުދިކުދި ކޯސްތަކެކެވެ.