ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިޒާސްޓާ މެނޭޖްމެންޓް ކޮމެޓީ ކުޅުދުއްފުށީގައި އެކުލަވާލައިފި އެވެ. މި ކޮމެޓީ އިފްތިތާހުކޮށް ފަހުނާމާގައި ސޮއިކޮށްފައިވަނީ ބުރާސްފަތިދުވަހު ހެނދުނު ބޭއްވި ހަފުލާއެއްގައި އެވެ.
ޑިޒާސްޓާ މެނޭޖްމެންޓްގެ ގާނޫނުގެ ދަށުން އުފެއްދި މި ކޮމެޓީގެ ޗެއާއަކީ މޭޔަރު މުހައްމަދު އާތިފް އެވެ. ކޮމެޓީގެ އިއްތިފާގުން ޑެޕިއުޓީ ޗެއާއަށް އިންތިހާބުވެވަޑައިގެންނެވީ ޑެޕިއުޓީ މޭޔަރު އަލީ މުހައްމަދެވެ. މެންބަރުންގެ ގޮތުގައި މި ކޮމެޓީގައި ސިފައިން، ފުލުހުން، ކޭއާރުއެޗް، ދިވެހި ރެޑްކުރެސެންޓް އަދި ކުލަބު އެސޯސިއޭޝަންތަކުން މެންބަރެކެވެ.
ގާނޫނު ނަންބަރު 28/2015 (ޑިޒާސްޓަރ މެނޭޖްމަންޓް ޤާނޫނު) ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއަކާއި، އަތޮޅަކާއި، މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފައްދަން ލާޒިމްކުރެއެވެ.
ޤާނޫނުގެ 40 ވަނަ މާއްދާގައި ވާގޮތުން، މި ކޮމިޓީގެ ޒިންމާތަކަކީ، އެކި ގިންތީގެ ކާރިސާތައް މެނޭޖްކުރުމާއި ބެލެހެއްޓުމާއި، އެންޑީއެމްއޭގެ ހުއްދައާއެކު ޑިޒާސްޓަރ އަދި އިމަރޖެންސީ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމާއި، ރެސްކިއު އެންޑް ރިކަވަރީ މަސައްކަތްތައް ކޯޑިނޭޓްކުރުމާއި، ކާރިސާގެ ނުރައްކާ ކުޑަކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުވުމާއި، ކާރިސާއާ ގުޅުންހުރި ޝަކުވާތައް ހައްލުކުރުމާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމެވެ.
ކުޅުދުއްފުށި ސިޓީއަކީ ޑިޒާސްޓަރ މެނޭޖްމަންޓް، ހެޒަޑް މިޓިގޭޝަން އަދި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭނެއް ތައްޔާރުކުރި ދިވެހިރާއްޖޭގެ ފުރަތަމަ ސިޓީ އެވެ. އަދި މި މުހިންމު މަޝްރޫއުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ސިޓީ އިމަޖެންސީ އޮޕަރޭޝަންސް ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.
ބުރާސްފަތިދުވަހު ހަވީރު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ "ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭންގެ ތަމްރީން އަދި ޓްރެއިނިންގ އޮފް ޓްރެއިނަރސް" ގެ ތަމްރީން ޕްރޮގްރާމު ނިންމާލުގެ ރަސްމިއްޔާތުވެސް ކުރިއަށްގެންގޮސްފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ތަރައްގީގެ ތަސްވީރު ކުރަހާއިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ދިރިއުޅޭ ވެއްޓާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަކަށް ކަންކަން ރޭވުންކަމަށެވެ.
މި ތަމްރީން ޕްރޮގްރާމަކީ މޭކިންގް ސިޓީސް ރެޒިލިއެންޓް 2030 ހަރަކާތުގެ ދަށުން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އަދި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އުފެއްދިފައިވާ ކުޅުދުއްފުށި ސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީއަށާއި އެހެނިހެން މުހިންމު މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވުނު ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނު ނަންގަވައިދެއްވާފައިވަނީ ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން ހެދުމަށް ހަވާލުކުރެވިފައިވާ ކޮންސަލްޓަންޓް ޝެރެޓް ސްޓޫޑިއޯއިންނެވެ.
މި ރަސްމިއްޔާތުގައި އެންޑީއެމްގެ ސީއީއޯ ހިސާން ހަސަން އާއި ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.