މާރިއޯ ގޮޓްޒޭ ޖަހައިދިން ހަމައެކަނި ލަނޑުން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޖާމަނީން ހޯދައިފި އެވެ.
މެޗުގެ 113 ވަނަ މިނެޓްގައި ޖާމަނީގެ ކްލޯސާގެ ބަދަލަށް އެރި ގޮޓްޒޭ ޖަހައިދިން ލަނޑުވެގެން ގޮސްފައިވަނީ ޖާމަނީއަށް އެޓީމުގެ ހަތަރުވަނަ ވޯލްޑްކަޕް ހޯދުނު ގޯލަށެވެ. ގޮޓްޒޭވަނީ 24 އަހަރަށްފަހު އެ ޓީމަށް ވޯލްޑްކަޕް ހޯދައިދިން ކޯޗު ޔާކިމް ލޯ ގެ އިރުޝާދު ފުރިހަމައަށް އަޑުއަހާ އެކަމުން ހިތްވަރު ލިބިގަނެފަ އެވެ. ގޮޓްޒޭ އަރުވަމުން ލޯ އޭނާ ކައިރީ ބުނީ ދަނޑަށް އަރާ ތީ މެސީއަށްވުރެ މޮޅު މީހެއްކަން ސާބިތުކޮށްދިނުމަށެވެ. މިއީ މެޗުގެ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެންޑުރޫ ޝާލް ނަގައިދިން ހުރަހެއް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ޖެހި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވާއިރު އާޖެންޓީނާގެ ގޮންޒާލޯ ހިގައިންވަނީ ލަނޑުޖަހާނެ ރަނގަޅު 2 ފުރުސަތު ލިބި ބޭކާރުވެފަ އެވެ. މީގެ އިތުރުން ވޯލްޑްކަޕްގެ ރަންބޯޅަ ހާސިލްކުރި ލައޮނަލް މެސީވެސް ވަނީ ވަރަށް ހުސް ފުރުސަތެއް ބޭކާރުކޮށްލާފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާ ރަންބޫޓް ހާސިލްކުރީ ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒް އެވެ. އޭނާވަނީ މި ވޯލްޑްކަޕްގައި އޭނާ ކުޅުނު 5 މެޗުގައި ޖުމްލަ 6 ލަނޑުޖަހާފަ އެވެ. މީގެ އިތުރުން ކޮލަމްބިއާ ޓީމުންވަނީ މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަޤާމުވެސް ހޯދާފަ އެވެ.
މި ވޯލްޑްކަޕްގެ އެންމެ ގޯލް ކީޕަރަކަށް ހޮވިފައިވަނީ ޖާމަނީއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެނުއެލް ނޯޔާ އެވެ. ޖާމަނީގެ ގޯލަށް މި ވޯލްޑްކަޕްގައި ވަދެފައިވަނީ 4 ލަނޑެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފުރާންސްގެ ޕައުލް ޕޮގްބާ އެވެ. މީގެ އިތުރުން މުބާރާތުގައި ޖާމަނީއަށް 5 ލަނޑު ޖަހައިދީފައިވާ ތޯމަސް މުލާވަނީ މުބާރާތުގެ ރިހިބޯޅަ ހާސިލް ކޮށްފައެވެ. އަދި ވޯލްޑްކަޕްގެ ތިންވަނަ ނެދަލޭންޑްސްއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އާރެން ރޮބެން އަށް ވަނީ ވޯލްޑްކަޕްގެ ބްރޮންޒް ނުވަތަ ލޯބޯޅަ ހާސިލް ކޮށްފަ އެވެ.
ކުރިއަށް އޮތް ވޯލްޑްކަޕް 2018 ގައި ބޭއްވޭއިރު މި ވޯލްޑްކަޕް އޮންނާނީ ރަޝިޔާގަ އެވެ.