ރޮނާލްޑޯގެ ދެ ލަނޑާއެކު އެންމެ އަގުބޮޑު ފުރަތަމަ އެގާރައާ އެކު ކުޅެމުންދިޔަ ރިއަލް މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.
ޖުމްލަ އަގު 470 މިލިއަން ޔޫރޯއަށްވުރެ އަގުބޮޑު ފުރަތަމަ 11 އާ އެކު ކުޅެމުންދިޔަ ރިއަލް މެޑްރިޑުން މި މެޗު ކާމިޔާބުކުރީ 2-0 އިން ސެވިއްޔާގެ މައްޗަށް ކުރިހޯދައިގެންނެވެ. ޔޫއެފާ ސުޕަރ ކަޕަކީ ފާއިތުވެދާ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި ޔޫއެފާ ޔޫރޮޕާ ލީގު ޗެމްޕިއަނުންނާ ދެމެދު ކުޅެވޭ މެޗެކެވެ.
މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ރޮނާލްޑޯ ޖެހިއިރު ފުރަތަމަ ލަނޑަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތު ބޭލް މެޗުގެ 30 ވަނަ މިނެޓްގައި ރޮނާލްޑޯއަށް ނަގައިދިން ވަރަށް ރީތި ހުރަހަކުން ޖެހި ލަނޑެކެވެ. އަދި ފަހު ހާފު ފަށައިގެން މާގިނައިރު ތަކެއްނުވެ މެޗުގެ 49 ވަނަ މިނެޓްގައި ރޮނާލްޑޯވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާގެ ވާތު ފައިން ފޮނުވާލި ބާރު ބޯޅައެއް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ސީޒަނުގައި ރިއަލް މެޑްރިޑަށް ހަ ޓްރޮފީ ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ރޭ ކާމިޔާބު ކުރި ޔޫއެފާ ސުޕަރ ކަޕް، ސްޕެނިސް ލަ ލީގާ، ސުޕެނިސް ކަޕް، ޔޫއެފާ ޗެމްޕިއަންސް ލީގު، ފީފާ ކުލަބު ވޯލްޑް ކަޕް، އަދި މި މަހުގެ 20 ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ސްޕެނިސް ސްޕަރ ކަޕެވެ.
ރޭގެ މެޗުގައި ދެ ލަނޑު ޖަހާ މޮޅު ކުޅުމެއް ދައްކާ މޭން އޮފް ދަ މެޗް ހޯދި ރޮނާލްޑޯއަށް މި ހަ ޓޮރޮފީގެ ތެރެއިން ރެއާ ހަމައަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ޓްރޮފީއަކީ ޔޫއެފާ ސްޕަރ ކަޕެވެ. ރޭގެ މެޗުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ސެވިއްޔާ ކޮޅަށް ޖެހި ދެ ލަނޑާއެކު އޭނާގެ ހަތަރު އަހަރުވީ ރިއަލް މެޑްރިޑްގެ ކެރިއަރުގައި ސެވިއްޔާ ކޮޅަށް ޖެހި ލަނޑުގެ އަދަދުވަނީ 18 އަށް އަރާފަ އެވެ.
ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރިއަލް މެޑްރިޑުން މި ސީޒަނުގައި އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުންވަނީ ވޯލްޑްކަޕްގެ ރަންބޫޓް ހޯދި ޖޭމްސް ރޮޑްރިގޭޒް އަދި ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގައި ހިމެނޭ މުހިއްމު ޕްލޭ މޭކަރ ޓޮނީ ކުރޫސް ި އެ ޓީމަށް ގެންގޮސްފަ އެވެ.
ސްޕެނިސް ލީގު މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ރިއަލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ކުޅޭނީ ކޯޑޯބާއާ ދެކޮޅަށެވެ.