ޗެލްސީއިން ލެސިސްޓަރ ސިޓީގެ މައްޗަށް 2-0 އިން މޮޅުވިއިރު އެވަޓަންއާއި އާސެނަލް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބުރިޖްގައި ރޭ ޗެލްސީ އަދި ލެސިސްޓަރ ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިފައިނުވި ނަމަވެސް ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އެގޮތުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލު ހުޅުވާދިން ޑިއޭގޯ ކޯސްޓާ ވަނީ މެޗުގެ 63 ވަނަ މިނެޓްގައި ޗެލްސީއަށް ގޯލު ހުޅުވާދީފަ އެވެ.
ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީއިން ޖެހި 3 ލަނޑުގައިވެސް މުހިއްމު ދައުރެއް އަދާކުރި ފެބްރިގާސްގެ އެހީތެރިކަމާއެކު ޗެލްސީގެ އެޑެން ހަޒާޑް ވަނީ މެޗުގެ 77 ވަނަ މިނެޓްގައި ދެވަނަ ލަނޑެއް ޖަހާފަ އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެވަޓަންއިން ވަނީ 2 ލަނޑު ޖަހާ 2-0 ގެ ލީޑެއް ހޯދާފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ގެރެތު ބެރީ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލަދިން ބޯޅައަކުން ސީމަސް ކޯލްމަން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ލަނޑު ޖަހާފައިވަނީ ސްޓީވަން ނައިސްމިތެވެ. މިއީ މެޗުގެ 45 ވަނަ މިނެޓްގައި އެވަޓަންގެ ހާފު ތެރެއިން އެވަޓަންގެ ރޮމެލޫ ލުކާކޫ ހޯދި ބޯޅައެއް އެއް ކުޅުންތެރިއެއް ކައިރިން ނައްޓާފައި އައިސް ޕެނަލްޓީ އޭރިޔާ ތެރެއަށް ދިން ތުރޫ ޕާހަކުން ކާމިޔާބު ކުރި ލަނޑެކެވެ.
އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ސެންޓި ކަޒޯލާ ކީޕަރ އޭރިޔާ ތެރެއަށް ތިރިތިރިން ހުރަސްކޮށްލަދިން ބޯޅައެއް އާރޮން ރަމްސީ ގޯލަށް ވައްދާލައި އާސެނަލްއަށް ދިރުން ގެނެސްދިނެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ނާކޯ މޮންރިއަލް ހުރަސްކޮށްލަދިން ބޯޅައެއް އޮލިވިއާ ޖިރޫޑް ކާމިޔާބުކޮށް އާސެނަލް އިން ވަނީ މި މެޗުން އެއް ޕޮއިންޓް ހޯދާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަން ވިލާ އާއި ނިއު ކާސަލް ކުޅުނު މެޗު އަދި ސައުތެމްޕްޓަން އަދި ވެސްޓް ބުރޮމް ކުޅުނު މެޗުވެސް ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުރިސްޓަލް ޕެލަސް 3-1 އިން ވެސްޓް ހޭމް އަތުން ބަލިވެފައިވާއިރު ސްވެންސީ ވަނީ 1-0 އިން ބާންލީ ބަލިކޮށްފަ އެވެ.
މިއަދު 17:30 ގައި ހަލްސިޓީ އަދި ސްޓޯކް ސިޓީ ކުޅޭއިރު ހަމަ އެގަޑީގައި ޓޮޓެންހަމް އަދި ކިއުޕީއާރު ވެސް ކުޅޭނެ އެވެ. އަދި 2000 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އަދި ސަންޑަލޭންޑެވެ.