މި ސީޒަނުގައި އަލަށް ގުޅުނު ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ސީޒަނުގެ ފުރަތަމަ މޮޅު މެންޗެސްޓަރ ޔުނައިޓެޑުން ހޯދައިފި އެވެ.
ވޭތުވެދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު ހޭދައެއްކުރި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކިއު.ޕީ.އާރުއާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޖަލް ޑި މަރިއާ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ގޯލު ހުޅުވާދިން އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޑަރ ހެރޭރާ އަދި ވޭން ރޫނީ ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗު ޔުނައިޓެޑްގެ ކޮޅަށް އަނބުރާލާފަ އެވެ.
ރޭގެ މެޗުގައި އަލަށް ޔުނައިޓެޑާ ގުޅުނު މާކޯސް ރޯހޯ އަދި ޑަލޭ ބްލިންޑްވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު، ޕްރިމިއާ ލީގުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ ގޮތަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވި ފަލްކާއޯވެސް ވަނީ ފަހު ހާފު ކުޅެން އަރާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ޖެހި 4 ލަނޑުގެ ތެރެއިން ތިން ލަނޑުގައިވެސް މުހިއްމު ދައުރެއް އަދާކޮށް ރޭގެ މެޗުގައި މޭން އޮފް ދަ މެޗް ހޯދި ޑި މާރިއާ ނަގައިދިން ހުރަހަކުން ޔުނައިޓެޑްގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ހުއާން މާޓާ އެވެ.
މި މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑުން 4 މެޗުން 5 ޕޮއިންޓާއެކު ތާވަލުގެ 9 ވަނާގައި އޮތްއިރު އެއްވަނާގައި އޮތް ޗެލްސީ އޮތީ 12 ޕޮއިންޓާއެކު އެވެ.