ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި ބޭއްވުނު ދެވަނަ ސީއާރުސީ އިންޓަސެކްޝަން ބެޑްމިންޓަން މުބާރާތުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ސީނިއާ ކަސްޓަމްސް އޮފިސަރ މުހައްމަދު އާދަމް، ތުޅާގިރި ކުޅުދުއްފުށި ހިމެނިއްޖެ އެވެ.
މި މަހުގެ 19 އިން 20 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިޔަށް ދިޔަ މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ފަސް ކުޅުންތެރިންނަށް މުހައްމަދު އާދަމްގެ އިތުރުން ހޮވިފައިވަނީ އަލީ ދާވޫދާއި އިބްރާހިމް ޝަރީފާއި އަހްމަދު އިޔާދު އަދި އަހްމަދު ލުތުފީ އެވެ.
އަދި އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިންނަށް ހޮވިފައިވަނީ އާމިނަތު އިރުފާއާއި އާމިނަތު ހަލީމާއި އާމިރާ ދޮހޮއްތުއާއި އައިޝަތު ޔަޝްފާ އަދި މަންސޫދާ އަލީ އެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަކޮށް މުހައްމަދު އާދަމް ކުޅުނު ޓީމްކަމަށްވާ އެކަޑެމީ ވަނީ ރަނަރަޕްކަން ހޯދާފަ އެވެ. ފައިނަލް މެޗުގައި ޓީމް އައްޑޫ އެންޑް ސްޓެޓިސްޓިކްސް ޗެމްޕިއަންކަން ހޯދީ ތިން ގޭމް ދެގޭމުންނެވެ.
އަދި މީގެއިތުރުން މުހައްމަދު އާދަމް އާއި މޫސާ އަހުމަދު ވަނީ މުބާރާތުގެ އޯޕަން އިވެންޓްގެ ފިރިހެން ޑަބަލްސް ރަނަރަޕްކަންވެސް ހޯދާފަ އެވެ.
ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފް އެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އޮނަރަބްލް އަހުމަދު ޒުހޫރުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި ބޭއްވުނު ފުރަތަމަ ސީއާރުސީ އިންޓަސެކްޝަން ބެޑްމިންޓަން މުބާރާތުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައިވެސް މުހައްމަދު އާދަމް ހިމެނިފައިވެ އެވެ.