ހދ އަތޮޅު މުބާރާތުގައި ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެވޭއިރު، ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުން ވަރަށް މުހިއްމު ކަމަށް ޓީމުގެ ކޯޗު އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ) ބުނެފި އެވެ.
މި އަހަރު ކުޅުދުއްފުށިން ވާދަކުރާ ހަމައެކަނި ޓީމު ޒިގްޒެގް ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބާ ދެކޮޅަށެވެ.
މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަމުން ސަޓޯ ބުނީ ފުރަތަމަ މެޗުން މޮޅުވުން ވަރަށް މުހިއްމު ކަމަށާއި ޓީމުގެ ތައްޔާރީތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.
“މި މެޗަށް ނުކުންނައިރު ހިތްހަމަޖެހޭވަރަށް ޓީމު ތައްޔާރުވެފައި ވަނީ. މިއީ މުބާރާތުގައި ޓީމުގެ ފުރަތަމަ މެޗަށް ވުމުން 3 ޕޮއިންޓް ވަރަށް މުހިއްމު. އެހެންވީމަ 3 ޕޮއިންޓަށް މިއަދު މި ނުކުންނަނީ. ޕްރެކްޓިހުގައި ސާއްބައާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ވަރަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެވޭ.” މެޗާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ކުޅުދުއްފުށީ ޓީމުގެ ކޯޗު އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ) ހާމަކުރިއެވެ.
މީ މެޗަށް ނުކުންނައިރު ކުޅުދުއްފުށީ ޓީމުން ވަނީ އެއް މަސް ދުވަހުގެ ޕްރެކްޓިސް ކޮށްފަ އެވެ. އަދި މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ރަމަޝާން މަހަށްފަހު ބޭއްވި ހިރަފުސް ކަޕްގައި ކުޅެފައިވާ ކުޅުންތެރިންނެވެ.
މި މުބާރާތުގެ ކުރިން ކުޅުދުއްފުށީ ޓީމުން ރަށުން ބޭރު 5 ޓީމާ ދެކޮޅަށް ޕްރެކްޓިސް މެޗުތައް ކުޅެފައިވާއިރު މީގެ ތެރެއިން 4 މެޗު ކާމިޔާބުކޮށް 1 މެޗު އެއްވަރުކޮށްފައިވެ އެވެ. އަދި މިއަދު ވާދަކުރުމަށް ހަމަޖެހިފައިވާ ސާއްބައާ ވާދަކޮށް 2-1 އިން މޮޅުވެފައިވެ އެވެ.
މި މެޗު ބައްލަވާލައްވަން ވީހާވެސް ގިނަ ރައްޔިތުން ކަޅު ނުވަތަ ފެހި ތުރުކުރައްވައިގެން ވަޑައިގެން ޓީމަށް ސަޕޯޓް ދިނުމަކީ މެނޭޖްމެންޓްގެ ވަރަށް ބޮޑު އެދުމެކެވެ.