ޗެމްޕިއަންސް ލީގުގައި ރޭ ވެސް ވަނީ ފޯރިގަދަ 8 މެޗު ކުޅެވިފަ އެވެ.
އެންމެ ވަރަގަދަ އެއް ގުރޫޕް ކަމުގައިވާ ގުރޫޕް އީ ގެ މެޗުތަކަށް ބަލާއިރު ބަޔާން މިއުނިކުން ވަނީ 1-0 އިން ސީއެސްކޭއޭ ބަލިކޮށްފަ އެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ތޯމަސް މުލާ އެވެ.
މި ގުރޫޕްގައި ކުޅުނު އަނެއް މެޗަށް ބަލާއިރު ރޯމާއިން ވަނީ 1-1 އިން މެންޗެސްޓަރ ސިޓީއާ އެއްވަރުކޮށްފަ އެވެ. މެޗުގެ 4 ވަނަ މިނެޓްގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެގުއޭރޯ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް ރޯމާ ގެ ޓޮޓީ ވަނީ މެޗުގެ 23 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. 38 އަހަރުގެ ޓޮޓީގެ މި ލަނޑު ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ދުވަސްވީ ކުޅުންތެރިތެރިޔަކު ކާމިޔާބުކުރި ލަނޑަށެވެ.
ގުރޫޕް އެފްގެ މެޗުތަކަށް ބަލާއިރު ޕީއެސްޖީއިން 3-2 އިން ބާސެލޯނާ ބަލިކޮށް މި ސީޒަނުގައި ބާސެލޯނާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފަ އެވެ. ޑޭވިޑް ލުއިޒް، މާކޯ ވެރާޓީ އަދި ބުލެއިސް މަޓުއިޑީ ޕީއެސްޖީއަށް ލަނޑު ޖަހައިދިންއިރު ބާސާއަށް ލަނޑު ޖަހައިދިނީ މެސީ އަދި ނޭމާ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި އެޕޮއެލް ނިކޯސިއާއާއި އަޔެކްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ނެމަންޖާ މެޓިކް މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިން ހަމައެކަނި ގޯލާއެކު ޗެލްސީއިން ވަނީ 1-0 އިން ސްޕޯޓިން ބަލިކޮށް 6 ޕޮއިންޓާއެކު ގުރޫޕް ޖީ ގެ އެއްވަނައިގައި ފައިތިލަ ސާބިތުކޮށްފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި މަރިބޯ އަދި ޝާލްކޭ ބައްދަލުކުރިއިރު މެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.
ޖެކްސަން މާޓިނޭޒް މެޗުގެ 89 ވަނަ މިނެޓްގައި އަދި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ދެ ލަނޑުން ޕޯޓޯއިން ވަނީ ފަހަތުން އަރާ ޝަކްތަރުއާ 2-2 އިން އެއްވަރުކޮށްފަ އެވެ. ކުރިން މެޗުގައި ހެޓްރިކް ހެދި ސްޕޯޓިންގެ ޔާސިން ބުރާހިމީ ވަނީ މެޗުގެ ފުރަތަމަ ހާފު ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލާފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ބާޓޭ ބޮރިސޯވް ވަނީ 2-1 އިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފަ އެވެ.
މިރޭވެސް ޗެމްޕިއަންސް ލީގުގެ 8 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ޒެނިތު އަދި މޮނާކޯ ބައްދަލުކުރާ މެޗު ނޫން ހުރިހާ މެޗެއްވެސް ފެށޭނީ 23:45 ގަ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 2100 ގަ އެވެ.