ޕްރިމިއާ ލީގުގައި ޗެލްސީއިން އެއްވަނަ ދެމެހެއްޓިއިރު ސައުތެމްޕްޓަންއިން ސަންޑަލޭންޑް ކޮޅަށް 8 ލަނޑު ޖަހައިފި އެވެ.
ރޭ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-1 އިންނެވެ. ޑިއޭގޯ ކޯސްޓާ ނުލައި ޗެލްސީއިން ފެށި މި މެޗުގެ ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 6 ވަނަ މިނެޓްގައި އޮސްކާ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ޖަހައިދިނީ ފެބްރިގާސް އެވެ. މިއީ ލީގުގައި ފެބްރިގާސް ޗެލްސީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑަށްވާއިރު މިއީ ވަރަށް މޮޅު ޓީމު ލަނޑެކެވެ.
ރަތް ކާޑު ދައްކާފައިވުމުން 10 މީހުނާއެކު ދެ ޓީމުވެސް ދެވަނަ ހާފު ކުޅުނު މި މެޗުގައި ކުރިސްޓަލް ޕެލަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފްރެއިޒާ ކެމްބަލް އެވެ.
މި ސީޒަނުގައި އަމިއްލަ ދަނޑުގައި އަދި ބަލިވެފައިނުވާ ސައުތެމްޕްޓަންއިން ވަނީ 8-0 އިން ސަންޑަލޭންޑް ބަލިކޮށް ތާވަލުގެ ތިންވަނަ ދަމަހައްޓާފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ޕްރިމިއާ ލީގުގެ ސެޕްޓެންބަރ މަހުގެ މޮޅު ކުޅުންތެރިޔާ ގްރެޒިއާނޯ ޕެއްލޭ މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު، ޖެކް ކޯކް، ވިކްޓަރ ވަންޔާމާ، ސަޑިއޯ މާނޭ އަދި ޑުސާން ޓެޑިކް ކޮންމެ ކުޅުންތެރިޔަކު ވަނީ 1 ލަނޑު ޖަހާފަ އެވެ. މި ސީޒަނުގައި ސައުތެމްޕްޓަންއާ އަލަށް ގުޅުނު ޓެޑިކް މި މެޗުގައި 4 އެސިސްޓް ހަދާފައިވެ އެވެ. މި މެޗުގައި ސައުތެމްޕްޓަންއިން ކާމިޔާބުކުރި އަނެއް ދެ ލަނޑަކީ ސަންޑަލޭންޑް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ.
ސާޖިއޯ އެގުއޭރޯ ކާމިޔާބުކޮށްދިން 4 ލަނޑާއެކު ސިޓީއިން ވަނީ 4-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މި މެޗުގައި ޖުމްލަ ހަތަރު ޕެނަލްޓީ ފެނިގެން ދިޔައިރު ސިޓީއަށް ވަނީ 3 ޕެނަލްޓީ ލިބިފަ އެވެ. މީގެ ތެރެއިން އެއް ޕެނަލްޓީ ހޫގޯ ލޯރިސް ދިފާއުކުރިއިރު ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީ ވަނީ ޖޯ ހާޓް ދިފާޢުކޮށްފަ އެވެ. މި މެޗުގައި ޓޮޓެންހަމްގެ ފެޑެރިކޯ ފާޒިއޯއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފަ އެވެ.
ޑެނީ ވެލްބެކް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ލަނޑާއެކު އާސެނަލްއިން އަމިއްލަ ދަނޑުގައި ހަލްސިޓީއާ 2-2 އިން އެއްވަރުކުރިއިރު އެވަޓަން އިން ވަނީ 3-0 އިން އެސްޓަން ވިލާ ބަލިކޮށް މި ސީޒަނުގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި މޮޅެއް ހޯދާފަ އެވެ.
71 ވަނަ މިނެޓްގައި ގްބްރިއަލް އޮބަޓާން ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ލެސިސްޓަރ ސިޓީގެ މައްޗަށް ނިއުކާސަލްއިން ކުރިހޯދާ ސީޒަނުގެ ފުރަތަމަ މޮޅު ހޯދިއިރު ވެސްޓްހޭމް އިން ވަނީ ރަށުން ބޭރުގައި 3-1 އިން ބާންލީ ބަލިކޮށްފަ އެވެ.
މިއަދު ލީގުގައި ކުޅޭ މެޗުތަކަށް ބަލާއިރު 17:30 ގައި ކުޅޭނީ ކިއު.ޕީ.އާރު އަދި ލިވަޕޫލް އެވެ. އަދި މިރޭ 2000 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޓޯކް ސިޓީ އަދި ސްވެންސީ އެވެ.