ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގައި ބަޔާން ޗެލްސީ އަދި ޝަކްތަރު އިން ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.
ރޭ ކުޅުނު 8 މެޗުގައި ޖުމްލަ 40 ގޯލު ފެނިގެން ގޮސްފައިވާއިރު ތަފާތު ރެކޯޑުތައް ފެނިގެން ގޮސްފައިވެ އެވެ. މިގޮތުން ގުރޫޕް އެޗްގައި ކުޅުނު މެޗުތަކަށް ބަލާއިރު ޝަކްތަރު އިން ވަނީ ރަށުން ބޭރުގައި 7-0 އިން ބާޓޭ ބޮރިސޯވް ބަލިކޮށްފަ އެވެ. މި މޮޅާއެކު ޝަކްތަރު އިން ވަނީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ރެކޯޑާ ހަމަކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޝަކްތަރުއިން 6 ލަނޑު ޖަހާފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި އެއް ޓީމަކުން އެންމެ ގިނަ ލަނޑުޖެހި މެޗެވެ. އަދި މި މެޗުގައި ބުރެޒިލްގެ ލުއިޒް އެޑްރިއާނޯ ޖެހި 5 ލަނޑާއެކު އޭނާވަނީ ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި އެންމެ ގިނަ ލަނޑުޖެހި މެސީގެ ރެކޯޑާ ހަމަކޮށްފަ އެވެ. މި މެޗުގައި ޝަކުތަރުއަށް ދެން ލަނޑު ޖަހާދީފައިވަނީ ޑައުގްލަސް ކޯސްޓާ އަދި އެލެކްސް ޓެކްޒޭރާ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ޕޯޓޯއިން ވަނީ 2-1 އިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް ގުރޫޕްގެ އެއްވަނަ ދަމަހައްޓާފަ އެވެ. ހެކްޓަރ ހެރޭރާ ޕޯޓޯއަށް ލީޑު ނަގާދީފައިވަނިކޮށް ފާނޭންޑޭޒް ހިއެރޯ ވަނީ އެތުލެޓިކޯއަށް އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 71 ވަނަ މިނެޓްގައި އެރި ރިކާޑޯ ކަރެސްމާ ވަނީ 75 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ޕޯޓޯ މޮޅުކޮށްދީފަ އެވެ.
“ގުރޫޕް އޮފް ޑެތު” ކަމަށް ބެލެވޭ ގުރޫޕް އީ ގައި ކުޅުނު މެޗުތަކަށް ބަލާއިރު ބަޔާން އިން ވަނީ ރޯމާ ކޮޅަށް 7 ލަނޑު ޖަހާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި 5 ލަނޑު ފެނިގެން ގޮސްފައިވާއިރު ރޮބެން ވަނީ 2 ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން ޕެނަލްޓީ އަކުން މުލާ ލަނޑު ޖެހިއިރު ފުރަތަމަ ހާފުގައި ދެން ލަނޑު ޖަހާފައިވަނީ ލެވާންޑޯސްކީ އަދި ގޮޓްޒޭ އެވެ.
ދެވަނަ ހާފު ފަށައިގެން ރޯމާ އިން ދެ ހަމަލާއެއް އުފައްދާ އެއް ލަނޑު ކާމިޔާބުކުރި ނަމަވެސް ބަޔާން އިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހާފަ އެވެ. ރޯމާގެ ލަނޑު ޖާވީނިއޯ ކާމިޔާބުކޮށްދިންއިރު ބަޔާންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޝަޤީރީ އަދި ރިބެރީ އެވެ.
މި ގުރޫޕްގައި ކުޅުނު އަނެއް މެޗުގައި ސީ.އެސް.ކޭ.އޭ މޮސްކޯ އިން ވަނީ ފަހަތުން އަރާ މެންޗެސްޓަރ ސިޓީއާ 2-2 އިން އެއްވަރުކޮށްފަ އެވެ. ސީއެސްކޭއޭ ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މިލްނާ އަދި އެގުއޭރޯ ސިޓީއަށް ލަނޑު ޖަހައިދީފައިވަނިކޮށް ސީއެސްކޭއޭ އިން އެއްވަރުކުރީ ނާޗޯ އަދި ޑޫމްބިއާ ޖަހައިދިން ލަނޑުތަކުންނެވެ. މި ގުރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ބަޔާން އޮތްއިރު ދެވަނައިގައި 4 ޕޮއިންޓާއެކު އޮތީ ރޯމާ އެވެ.
މެސީ، ނޭމާ އަދި ރަމިރޭޒް ޖަހައިދިން ގޯލްތަކުން އަޔެކްސްގެ މައްޗަށް ބާސާއިން ވަނީ 3-1 އިން މޮޅުވެފަ އެވެ. އަޔެކްސްގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ އަންވަރުލް ގާޒީ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ޕީއެސްޖީއިން ވަނީ ހަނިގޮތަކަށް އަޕޯއެލް ނިކޯސިއާ އަތުން މޮޅުވެ 7 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ދަމަހައްޓާފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ އެޑިންސަން ކަވާނީ އެވެ.
މަރިބޯ ކޮޅަށް 6 ލަނޑު ޖަހާ ޗެލްސީއިން ބޮޑު މޮޅެއް ހޯދާ ގުރޫޕްގެ އެއްވަނަ ވަނީ ދަމަހައްޓާފަ އެވެ. މި މެޗުގައި އެޑެން ހަޒާޑް ދެ ލަނޑު ކާމިޔާބުކުރިއިރު، ލޮއިކް ރެމީ، ޖޯން ޓެރީ އަދި ޑްރޮގްބާ ވަނީ ލަނޑުޖަހާފަ އެވެ. މި މެޗުގައި ޗެލްސީއިން ޖެހި އަނެއް ލަނޑަކީ މަރިބޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މިހާތަނަށް ޗެލްސީއިން ޗެމްޕިއަންސް ލީގުގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.
މި ގުރޫޕްގައި ކުޅުނު އަނެއް މެޗުގައި ޝާލްކޭ އިން ވަނީ 4-3 އިން ސްޕޯޓިން ބަލިކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ސްޕޯޓިންގެ ނާނީ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް އެ ޓީމުގެ މައުރީސިއޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާފަ އެވެ. މިއާއެކު ޝާލްކޭގެ ޗިނެދޫ އޮބާސީ ވަނީ ލަނޑެއް ޖަހާ އެއްވަރު ކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓްގައި ހަންޓެލާ އަދި ހޮވެޑީސް ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. ސްޕޯޓިންގެ އެޑްރިއަން ސިލްވާ ދެ ލަނޑު ޖަހާ ނަތީޖާ 3-3 އިން ހަމަހަމަކޮށްދިން ނަމަވެސް މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ޗޫޕޯ މޯޓިންގ ވަނީ ޝާލްކޭ މޮޅުކޮށްދީފަ އެވެ.
މިރޭވެސް ޗެމްޕިއަންސް ލީގުގައި 8 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހުރިހާ މެޗެއްވެސް ފެށޭނީ 23:45 ގަ އެވެ.